އިންތިގާލީ އިންސާފުގެ ގާނޫނަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ވެރިން އަނދަގޮނޑި ޖަހައިގެން ގެންގުޅެން އުފެއްދި ދަންތުރައެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ މި ގާނޫނަކީ ވެރިކަން ކުރާ ކޮންމެ މީހަކު ޖަލަށްލުމަށް ހެދި ދަންތުރައެއް ކަމަށާއި ތިޔަ ދަންތުރައިން އިބްރާހީމް މުހައްމަދު ސާލިހު ވެސް ސަލާމަތެއް ނުވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ބަދަލު ހިފުމުގެ ސިޔާސަތު ބަދަލުކުރަންޖެހޭ ކަމަށެވެ.

މި ބިލު ތަސްދީޤު ކުރުމަކީ ކަށްވަޅު ކޮނުން ކަހަލަކަމެއް ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސްވަނީ ސިފަ ކުރައްވާފަ އެވެ.

ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރުން މަޖިލީހަށް ފޮނުވި 45 ޕަސެންޓް ބިލު ގާނޫނު އަސާސީއާއި ތައާރަޒުވާ ކަމަށެވެ. އަދި ގިނަ ބިލްތަކުގައި ވަނީ ބަދަލު ހިފުމުގެ ރޫހުކަމަށާއި އިންތިގާލީ އަދާލަތުގެ ބިލް ތަސްދީގުކުރުމަކީ ކަށްވަޅު ކޮނުން ކަހަލަ ކަމެއް ކަމަށް ސިފައިކޮށްފައިވެ އެވެ. އަދި އެއީ ފިތުނަ ފަސާދަ އުފެދި އިޖުތިމާއީ ހަމަޖެހުން ގެއްލިގެންދާނެ ބިލެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އިންސާފު ނުލިބިވާ މައްސަލަތައް ބެލުމުގެ ބާރު ގާނޫނުން ލިބިދޭ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފަ އެވެ.

މި ގާނޫނުގައި ބުނާގޮތުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން ބޭފުޅުންގެ މައްޗަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައަޅާފައިވާ ގާނޫނެކެވެ.