ޗައިނާގެ އިމަޖެންސީ ޔޫސް ޕްރޮގްރާމްގެ ދަށުން ސިނޮވެކް ބަޔޯޓެކް ކުންފުނިން އުފެއްދި ވެކްސިން ޓެސްޓު ކުރުމަށް، އެ ކުންފުނީގައި މަސައްކަތްކުރާ 90 އިންސައްތަ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ދީފައިވާ ކަމަށް އެ ކުންުފުނީގެ ޗީފް އެގްޒެކެޓިވް ވިދާޅުވެއްޖެ އެެެވެ.

މި އިމަޖެންސީ ޕްރޮގްރާމް ލޯންޗްކޮށްފައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް މި ޕްރޮގްރާމާ ގުޅޭ މާގިނަ މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

ވެކްސިން ދިނުމުގެ މި ޕްރޮގްރާމް ބޮޑަށް އަމާޒުކޮށްފައިވަނީ ސިއްހީ ހިދުމަތްތެރިންނާ، ކާބޯތަކެތި ވިއްކާ މާރުކޭޓުތަކުގައި މަސައްކަތް ކުރާ މީހުންނާއި ދަތުރުފަތުރުގެ ހިދުމަތްދޭ މީހުންގެ އިތުރުންވެސް އާންމުންނަށް އެކި ކަހަލަ ހިދުމަތްތައް ފޮރުކޮށްދޭ މީހުންނަށެވެ.

ސިނޮވެކްގެ "ކޮރޯނާވެކް" މިހާރު އޮތީ ކްލިނިކަލް ޓްރަޔަލްގެ ފޭސް ތިނެއްގަ އެވެ. މި ވެކްސިން އިމަޖެންސީ ސްކީމުގައި ހިމަނައިގެން އެ ކުންފުނީގެ 2000-3000 އާއި ދެމެދުގެ އަދަދެއްގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ދެމުން އެބަދެ އެވެ.

"ވެކްސިން ޑިވެލޮޕަރެއްގެ ހައިސިއްޔަތުން ބުނާނަމަ، އާ އައުޓްބްރޭކްއެއް އަތުވެއްޖެ ނަމަ ވެކްސިން އުފެއްދުމުގެ މަސައްކަތަށް ސީދާ އަސަރު ކުރާނެ،" ސިނޮވެކްގެ ސީއިއޯ ޔިން ވެއިޑޮންގް ވިދާޅުވި އެވެ.

ސިނޮވެކް ވެކްސިން ދިނުމުން ދިމާވާ ސައިޑް އިފެކްޓްސްގެ ތެރޭގައި ހުންއައުމާއި ގައިގައި ރިއްސުުން ހިމެނެ އެވެ. އެހެން ނަމަވެސް މާ ބޮޑުވަރެއް ނުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިހާތަނަށް އެއްވެސް ވެކްސިނަކަށް ޓެސްޓުކުރުމުގެ ފަހު މަރުހަލާއިން ފާސްވެ، އޭގެ ރައްކާތެރިކަމާއި، ކޮރޯނާވައިރަސް ޖެހުމުން ރައްކާތެރިކޮށްދޭނެ ކަން ސާބިތުކޮށްދެވިފައެއް ނުވެ އެވެ.

-ޔާހޫ ނިއުސް