އައްޑޫ ސިޓީ ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ހިތަދޫ ޕޯޓް ތަރައްގީކޮށް ނިމޭއިރު ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވި، ޑޮމެސްޓިކް އުޅަނދުތަކަށް ހާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް ގާއިމްވާނެ ކަމަށެވެ. މީގެ ސަބަބުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ބަދަލުތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދުގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެންކަން ފާހަގަކުރެއްވި އެވެ.
މަދު ވަސީލަތްތަކަކާއެކު ފާއިތުވި 17 އަހަރު ދުވަހު ހިތަދޫ ޕޯޓްގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އައްޑޫ ހައި ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހިތަދޫ ޕޯޓަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވުމަށްފަހު ރިޓަޔަރ ކުރެއްވި ދެ މުވައްޒަފަކަށް ހަނދާނީ ފިލާ އެރުވި އެވެ. މީގެ އިތުރުން މި ހަފްލާގައި ވަނީ ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެން ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވާފައެވެ.