ބާލިން (ޑިސެމްބަރު 17) - ބާލިންގެ ރެޑިސަން ބްލޫގެ ލޮބީގައި ހުންނަ، މިލިއަނެއްހާ ލީޓަރުގެ ފެން އެކުލެވޭ ބޮޑު އެކުއަރިއަމެއް ފަޅައިގެން ގޮސް ހޮޓަލާއި ކައިރީގައި ހުރި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
"ދަ އަކުއާޑޮމް" އަކީ 1،500 ޓްރޮޕިކަލް މަސް އުޅޭ 15.85 މީޓަރު އުސް (52 ފޫޓް) އަދި ދުނިޔޭގެ އެންމެ ބޮޑު ފްރީ ސްޓޭންޑިން ސިލިންޑަރަލް އެކުއަރިއަމް އެވެ.
އެކުއޭރިއަމް ގޮއްވާލުމާ އެކު ބިއްލޫރިގަނޑެއް ވެއްޓި ދެ މީހަކަށް އަނިޔާވެފައިވެ އެވެ. މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދިވެސް ނޭނގެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި "ހީވެސް ނުކުރެވޭ ވަރުގެ" ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި ހޮޓަލުގެ ލޮބީގައި ފެން އަޅާފައި ހުރި ޓޭންކު ގޮވައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާއާ ގުޅިގެން ގެސްޓުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ.
ބާލިންގެ ފަޔާ ބްރިގޭޑްގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވީ، އެ ޓޭންކުގައި ހުރި މަސްތަކުގެ ބޮޑު ބައެއް މަރުވެފައިވާ ކަމަށާއި ފިނި މޫސުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އިތުރު ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެ ޓޭންކުގައި 100 އަށް ވުރެ ގިނަ ތަފާތު ބާވަތްތައް ހިމެނެ އެވެ.
ނަމަވެސް ފަޔާ ބްރިގޭޑްގެ އޮފިޝަލް ޖޭމްސް ކްލެއިން ފަހުން އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވީ، ފެން ޖަމާވެފައިވާ ތަންތަނުން "އެތައް ޑަޒަނެއްގެ" މަސް ދިރިތިއްބާ ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި އެހެން އެކުއަރިއަމްތަކަށް އަލުން ބަދަލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނީ ހޮޓެލް ލޮބީގެ ދަށުގައި ހުރި ކުދި ޓޭންކުތަކުގައި އޮކްސިޖަން ނުލިބި އޮތް ތިބި އިތުރު 400-500 މަސް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާ ހިނގުމާ ގުޅިގެން ރެޑިސަން ބްލޫގެ ބޭރުގައި، ދޮރުތަކުގެ ކުރިމަތީގައި ކުނިތައް ޖަމާވެފައިވެ އެވެ. އަދި އެތަނުން ބައެއް ދޮރުތައް މަގުމައްޗަށް ވެއްޓިފައިވެ އެވެ.
ބާލިންގެ މޭޔަރު ފްރެންޒިސްކާ ގިފީ ހޮޓަލަށް ވަޑައިގެން ލިބުނު ގެއްލުންތައް ބައްލަވާލައްވަމުން ޓޭންކް ފަޅައިގެން ދިޔަ ހާދިސާ ސިފަކުރެއްވީ ސުނާމީއެއް ފަދަ ކަމެއްގެ ގޮތުގަ އެވެ.
2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެކުއާޑޮމް ހުޅުވިއިރު، ދުނިޔޭގެ އެންމެ ބޮޑު ސިލިންޑަރަލް އެކުއަރިއަމްގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްގައި ހިމެނި އެވެ. -- ބީބީސީ