ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް އިހުމާލުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އެޗްއާރްސީއެމުން ގޮވާލައިފި އެވެ.
އެ ކޮމިޝަނުން ހިޖުރަވެރިންގެ ދުވަހާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކޮށްދިނުމަށާއި މީހުން ޓްރެފިކް ކުރުމުގެ ކުށްކުރާ ފަރާތްތަކަށް ފަސްޖެހުމެއްނެތި ހަރުކަށި އަދަބު ދިނުމަށް ދައުލަތަށް ގޮވާލާކަމަށެވެ. އަދި ހިއުމަން ޓްރެފިކިން ގާނޫނު ތަންފީޒު ކުރުމަށް މަތިކުރެވިފައިވާ ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ދައުލަތަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި މީހުން ޓްރެފިކް ކުރުމާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށްވެސް އެޗްއާރުސީއެމުން ގޮވާލާފައިވެ އެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބިދޭސީ މަސައްކަތެރިންގެ ޙައްގުތަކާ ގުޅޭ 30 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެ އެވެ.
އެކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަ ތަކުގެ ތެރޭގައި އުޖޫރަ ނުލިބުމާއި ސާފު ބޯފެނާއި ކާނާ ނުލިބުމުގެ މައްސަލަތައް ހިމެނެ އެވެ. އަދި ބިދޭސީ މަސައްކަތްތެރިޔާގެ ރުހުމާނުލާ އަނބުރާ ގައުމަށް ފޮނުވާލާ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެކޮމިޝަނުން ބުނެ އެވެ.
މީގެ އިތުރުން ވެސް ރައްކާތެރިކަމެއް ނެތް މާޙައުލެއްގައި ބިދޭސީން މަސައްކަތް ކުރަން ޖެހުމާއި ޚިދްމަތް ދިނުމުގައި ތަފާތު ކުރުމާއި ފާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިޔުންތައް ހިފެހެއްޓުމުގެ މައްސަލަތަކާއި ދިރިއުޅެން ކަމުނުދާ ފަދަ ތަންތަނުގައި ދިރިއުޅެން ޖެހުމާއި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ވަޒީފާއިން ވަކި ކުރާ މައްސަލަތައް ހުށައެޅިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ރާއްޖޭގައި ހިންގާ ހިއުމަން ޓްރެފިކިން އަމަލުތަކުގެ ސަބަބުންނާއި އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާތީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ހިއުމަން ޓްރފިކިން ވޮޗްލިސްޓުގެ "ޓަޔާ 2 ވޮޗް ލިސްޓް"ގައި ޖެހިޖެހިގެން ތިން އަހަރު އޮތުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ. އަދި ބިދޭސީ މަސައްކަތެރިންގެ ޙައްޤުތަކާ ގުޅޭގޮތުން އެކޮމިޝަނުން އިދަރާތަކަށް ހުށައަޅާފައިވާ ހުށައެޅުންތައް ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށްވެސް ގޮވާލާފައިވެ އެވެ.
2018 ވަނަ އަހަރު އެކޮމިޝަނަށް ހުށައެޅިފައިވަނީ ބިދޭސީންނާއި ގުޅުން ހުރި 7 މައްސަލައެއް ކަމަށާއި 2019 ވަނަ އަހަރު 13 މައްސަލައެއް ހުށައެޅިފައިވާ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.