ހުޅުލެ-ހުޅުމާލޭ ހައިވޭގައި ސޯލާ ހަރުކުރުމުގެ މަސައްކަތަށް ކުރުމަށްޓަކައި ވަކި ވަތުތުތަކެއްގައި ހައިވޭގެ އެއް ލޭން ބަންދުކުރަން ނިންމައިފި އެވެ.
ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ މިމަޝްރޫއުގައި ހުޅުލެ-ހުޅުމާލެ ހައިވޭފައި ފަސް މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ. މިމަސައްކަތުގެ އަމަލީ މަސައްކަތް މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ފަށާފަ އެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ތައިލޭންޑުގެ ކުންފުންޏެއްކަމަށްވާ އެންސިސް ކޯ ލިމިޓެޑާ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މާލެ-ހުޅުމާލެ ހައިވޭގެ މޫދާވީ ފަޅީގައި ސޯލާ ޕެނަލްގެ ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތް ކުރުމަށް، އެ މަގުން ހުޅުމާލެ އިން މާލެ ދަތުރުކުރާ ފަޅީގެ އެއް ލޭނު ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ބަންދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ލޭން ބަންދުކުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ދުވާލުގެ ވަކި ވަގުތުތަކެއްގަ އެވެ. އެއީ:
• ހެނދުނު: 9:30 އިން 11:30 އަށް
• މެންދުރު: 1:30 އިން 4:30 އަށް
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ހައިވޭގެ މޫދާވީ ފަޅީގެ ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މި މަސައްކަތް ނިންމާލެވޭނެކަމަށް އަންދާޒާކުރެވެނީ އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހުކަމަށެވެ.
މަގު ބަންދުކުރުމުގެ ތަރުތީބު އަދި ގަޑިތައް ކަނޑައަޅާފައިވަނީ ކަމާގުޅޭ އެއްމެހައި ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރުމަށް ފަހުކަމަށް މިނިސްޓްރީން ހާމަކުރެ އެވެ. އަދި މި ގަޑިތަކުގައި ހައިވޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މި މަޝްރޫޢުގެ ދަށުން ސޯލާ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅީގައި ސްޓީލް ސްޓްރަކްޗާއެއް ގާއިމުކުރާނެ އެވެ. މި ސްޓްރަކްޗާގެ މަތީގައި ސޯލާ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިންނެވެ.
ރާއްޖޭގައި ސޯލާ ހަކަތައިގެ ނިޒާމުގެ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ. އޭގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވާނެ އެވެ.