ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ އެތައް ދުވަހެއް ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30 ގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް މިހާ ގިނަ ދުވަސްކޮށްފައި ބާއްވަނީ ކޮންކަމަކާ ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އެންމެ ފަހުން ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ ޖޫން މަހު އެވެ.

ވެރިކަމަށް ވަޑައިގެންނެވިއިރު ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މި އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު އެވެ. އެ ގޮތުން މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ދުނިޔޭގެ އިގްތިސޯދީ ހާލަތާއި ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.