ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރާ އަންހެންމީހާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި އެވެ.

"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުންނެވެ.

މިނިސްޓަރު އިމްރާންގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އަދި ޖެންޑާ މިނސްޓްރީއަށް ވެސް އެ މައްސަލަ ހުށައަޅާފަ އެވެ.

އެކަމާ ގުޅިގެން އޭނާ ފުލުހުންގެ މުއައްސަސާގައި އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ. އަދި ޖެންޑަ މިނިސްޓްރީން އެ މައްސަލަ ކުރިއަށް ނުގެންދާ ކަމަށް ވެސް އޭނާ ބުނެ އެވެ.

މިނިސްޓަރު އިމްރާންގެ ޖިންސީ ގޯނާތައް އަންހެނަކަށް ލިބުނުކަމަށް ބުނާ މައްސަލައާ ގުޅޭ އޯޑިއޯއެއް ލީކްވުމުން އެ އޯޑިއޯގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިތާ މިހާރު ފަސްމަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް އޭގެ ފަހުން މައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

ދާދި ފަހުން އެ އަންހެން މީހާ ވަނީ އިމްރާން މަގުމަތިން ވަޑައިގަންނަވަނިކޮށް ދިމާކޮށްފަ އެވެ.

އޭނާ ވަޒީފާއިން ވަކިކުރަން ނިންމީ އެ މައްސަލައިގައި ކަމަށްވެ އެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ފުލުހުންގެ ވަޒީފާގެ ގަވާޢިދުގެ 107 ވަނަ މާއްދާގެ (ހ)އާ ޚިލާފުވެފައި ވާތީ ކަމަށް ބުނެފައިވެ އެވެ.

އެ އަކުރުގެ ފަސްވަނަ ނަންބަރުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭ ފަދަ އަމަލެއް ކުރުމަކީ އެކަމާ ގުޅިގެން ޑިސިޕްލަނަރީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.

ޢިމްރާނު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް، އެ އަންހެންމީހާ ވަނީ އޭނާއަށް ޖިންސީ ގޯނާކުރިކަމުގެ ވާހަކަތައް ދައްކާފައިވެ އެވެ.

އޭނާ ބުނި ގޮތުގައި އަދާލަތު ޕާޓީ އޮފީހަށް އޭނާ ގެންގޮސް އޭނާގެ ޖިންސީ ގުނަވަންތަކުގައި އިމްރާނުވަނީ އަތްލާފަ އެވެ. އަދި އޭނާއާ ކައިވެނިކުރާނެ ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ކަމަށް ވެސް އެ އަންހެންމީހާ ބުނެ އެވެ.

އެ އަންހެން މީހާ ބުނާގޮތުން އަދާލަތު ޕާޓީގެ އޮފީހަށް އޭނާ ގެންގޮސްފައިވަނީ އިސްތިހާރާ ނަމާދު ކުރަން ދަސްކޮށްދިނުމަށް ކަމަށް ބުނެ އެވެ.

މިސަރުކާރުން ބުނާ ގޮތުގައި ޖިންސީ އަނިޔާއާއި ޖިންސީ ފުރައްސާރައާއި ރޭޕްފަދަ ކުށްތަކަށް މިސަރުކާރުން ދޭނީ ޒީރޯ ޓޮލަރެންސެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކާ ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުގެ މިފަދަ މައްސަލަތަކަށް ސަރުކާރުންދެނީ ބީރު ކަންފަތެކެވެ.