ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ހުރިހާ މަސައްކަތެއް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރާ "ޕީޖީއޯ 2.0" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހުކުރި މި މަޝްރޫއަކީ، ދެ އަހަރު ދުވަހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން ޕީޖީ އޮފީހުން ޒަމާނުއް ސުރެ ކަރުދާހުގައި ކުރަމުން އައި މަސައްކަތްތައް އެއްކޮށް ޑިޖިޓަލައިޒް ކުރުމަށް ފެށި މުހިންމު ހަރަކާތެކެވެ.

ޕީޖީ އޮފީހުގެ 'ޕީޖީއޯ 2.0' މަޝްރޫއު އިފްތިތާހުކުރި ރަސްމިއްޔާތުގައި ޕީޖީ އައްބާސް ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫއުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މައްސަލަތައް ދިރާސާކުރުމުގެ ގާބިލުކަން އިތުރުކޮށް، ހެކި ވަޒަންކުރުމާއި ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އިދާރީ ގޮތުން ހޭދަވާ ވަގުތު ސަލާމަތްކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވި އެވެ.

އޭއައިގެ އެހީތެރިކަން ހޯދި ނަމަވެސް، މައްސަލަތަކުގެ އެންމެ ފަހުގެ ނިންމުންތައް ނިންމާނީ ޕްރޮސެކިއުޓަރުން އަމިއްލައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު މީގެ މައިގަނޑު ބޭނުމަކީ ޕްރޮސެކިއުޝަންގެ ހިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ އެކަޑަމީން ނެރުނު "އެވިޑެންސް އަ ޕްރެކްޓިޝަނާ ގައިޑް" ފޮތުގެ އިތުރުން، އެ އޮފީހުގެ އާ ވެބްސައިޓާއި "އީ-ދޮރޯށި" އަދި "ލެތުން" ގެ ނަމުގައި ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ވަނީ އިފްތިތާހުކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކުގެ އިތުރުން ކޯޓުތަކުގެ ނިންމުންތަކާއި އޭގެ އިނގިރޭސި ތަރުޖަމާ ފަސޭހަކަމާއެކު އާންމުންނަށް ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމަކީ މި ސަރުކާރުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށް ރައީސް މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވި އެވެ.