ނިއު ދިއްލީ (ޖެނުއަރީ 4) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އުމުރުން 20 އަހަރުގެ ޒުވާން އަންހެން ކުއްޖެއްގެ ބިރުވެރި މަރާ އެކު ގައުމު ޝޮކަކަށް ގޮސް، މުޒާހަރާތައް ހޫނުވާން ފަށައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި، އިވެންޓް މެނޭޖަރެއްގެ ވަޒީފާގައި މަސައްކަތްކުރާ އަންހެން ކުއްޖާ، އާ އަހަރު ފެށުނު ދުވަހު، މަސައްކަތް ނިންމާ ގެއަށް ދިޔަ މަގުމަތީގައި އޭނާގެ ސައިކަލް، ކާރެއްގައި ޖެހި އެކްސިޑެންޓްވި އެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގުމާ އެކު ފަސް މީހުން ތިބި އެ ކާރު ވަނީ އަންހެން ކުއްޖާ ދަމަމުން އެތައް މޭލަކަށް ދުއްވައިފަ އެވެ. ކާރުގެ ދަށުގައި އަންހެން ކުއްޖާގެ ހަށިގަނޑު އޮތް މަންޒަރުގެ ސީސީޓީވީ ފުޓޭޖްތައް ވަނީ އާއްމުވެފަ އެވެ.

މަގުމަތީގެ އެކްސިޑެންޓްތަކަކީ އިންޑިއާގައި އާއްމު ކަމެކެވެ. އަދި އެކްސިޑެންޓްތަކުގައި އެތައް ހާސް ބަޔަކު ކޮންމެ އަހަރަކު މަރުވެ އެވެ. އެކަމަކު އެކްސިޑެންޓުގެ މި ކޭސް އަށް ގައުމުގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފަ އެވެ. އަދި މީޑިއާގެ ކަވަރޭޖް ވަރަށް ބޮޑަށް ލިބެ އެވެ.

އިންޑިއަން އެކްސްޕްރެސް އިން ބުނެފައި ވަނީ އަންހެން ކުއްޖާގެ ހަށިގަނޑާ އެކު ކާރު ވަނީ ގަޑިއެއްހާ އިރު ދުއްވައިފަ އެވެ. އަދި އެ މަންޒަރު ފެނުނު މީހުން ވަނީ ފުލުހުންނަށް އެކަން ރިޕޯޓް ވެސް ކޮށްފަ އެވެ. އާ އަހަރު ފެށުނު ދުވަސް ކަމަށްވާތީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިއްލީގެ މަގުތަކަށް އެތައް ހާސް ފުލުހުންނެއް ނެރެފައިވާ އިރު މި ބާވަތުގެ ހާދިސާއެއް ފުލުހުންނަށް ފާހަގަނުވީތީ އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އިންޑިއާގައި ޒުވާން އަންހެން ކުއްޖެއްގެ ރަހުމް ކުޑަ މަރާ އެކު މުޒާހަރާ ކުރަނީ

ކާރުގައި ތިބި ފަސް މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މަރުވި ކުއްޖާގެ އާއިލާ އަށް ވެސް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. އުމުރުން 20 އަހަރުގެ އެ ކުއްޖާ އަކީ އެ އާއިލާގެ ހުރިހާ ޚަރަދެއް ބަލަހައްޓާ ފަރާތެވެ. އަހަރުތަކެއް ކުރިން އެ ކުއްޖާގެ ބައްޕަ ވަނީ މަރުވެފަ އެވެ. ބަލިވެ އުޅޭތީ އެ ކުއްޖާގެ މަންމަ ވަނީ މަސައްކަތް ކުރުން ހުއްޓާލައިފަ އެވެ.

"ކުއްޖާގެ ޖަނާޒާގެ ކަންކަން ހަމަޖައްސާނެ ފައިސާ ވެސް އަހަރެމެންގެ އަތުގައި ނެތް،" އެ ކުއްޖާގެ މަންމަ ބުންޏެވެ.

އަންހެން ކުއްޖާގެ އާއިލާ އިން ތުހުމަތު ކުރަނީ ކުއްޖާ ރޭޕްކުރީ ކަމަށެވެ. އެކަމަކު ފުލުހުން ބުނީ ޕޯސްޓް-މޯޓަލް ރިޕޯޓުން އެފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.

"ހުރިހާ އަނިޔަލެއް ވެސް ލިބިފައި ވަނީ ވެހިކަލްގެ ދަށުގައި އޮވެ ދެމެމުން ދިޔަ އިރު ތަންތަނުގައި ޖެހިގެން،" ދިއްލީ ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެކްސިޑެންޓްވި އިރު އަންހެން ކުއްޖާ ދުއްވި ސައިކަލުގެ ފަހަތުގައި އިން އެހެން އަންހެނަކު ވަނީ ފިލައިފަ އެވެ. އޭނާ ބުނެފައި ވަނީ ފިލީ ބިރުން ކަމަށެވެ. އެކަމަކު އެކްސިޑެންޓާ ގުޅޭ ގޮތުން އެ އަންހެން މީހާ މިހާރު ދަނީ ފުލުހުންނަށް އެހީތެރިވަމުންނެވެ.

https://www.youtube.com/watch?v=rzXOv4HFkCQ

ހައްޔަރު ކުރި ފަސް މީހުންގެ މައްޗަށް ވަނީ މީހަކު މަރުވެދާނެ ފަދަ އަމަލެއް ހިންގުމާއި ނޭނގި ނަމަވެސް ކުރި ކަމެއްގެ ސަބަބުން މީހަކު މަރުވެފައިވާތީ ދައުވާ އުފުލައިފަ އެވެ.

ފަސް މީހުންނާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓްވުމާ އެކު އެ މީހުން ވެސް ތިބީ ބިރުންނެވެ. އެހެންވެ ކާރުގެ ސްޕީޑް ބާރު ކުރުމަށް ފަހު ދުއްވާފައި ދިޔައީ، އެ ކާރުގެ ދަށުގައި އަންހެން މީހާ ތާށިވެފައި އޮތްކަން ނޭނގި ކަމަށެވެ. އަދި އަންހެން މީހާގެ ހަޅޭކުގެ އަޑު ނީވުނީ ކާރުގެ މިއުޒިކުގެ އަޑު ބާރުކޮށްފައި ހުރުމުން ކަމަށް ބުނެފައިވެ އެވެ.

އެ ކާރަކީ 31 ޑިސެމްބަރާއި 1 ޖެނުއަރީއާ ދެމެދު ދުއްވަން ރައްޓެއްސެއްގެ އަތުން އެ ފަސް މީހުން ހޯދާފައިވާ ކާރެކެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ގޮތުގެ މަންޒަރުތަކުގެ ޑަމީއެއް ހެދުމަށް އެ ފަސް މީހުން އެކްސިޑެންޓް ހިނގި ސައިޓަށް ގެންދާނެ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހުން ތިބީ މަސްތުވެގެންނެވެ.