ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ވޮލީ ކުޅުންތެރިއެއް ކަމަށްވާ ވ. ކެޔޮދޫ، ދޭލިޔާގެ، އަހްމަދު ފާޒިލް (31 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކެޔޮދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ފާޒިލް މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ދެ ގެއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މަސްތުވާތަކެތީގެ މި މައްސަލައިގެ އިތުރުން، މިދިޔަ މަހު ކެޔޮދޫގައި ހިނގި މާރާމާރީއެއްގެ މައްސަލައިގައި ވެސް ފާޒިލް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މާރާމާރީގެ މައްސަލައިގައި އޭނާގެ އިތުރުން، ޤައުމީ ވޮލީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އަހްމަދު ފައިރޫޒް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ލަމްބޯގިނި ކާރެއް ކޮންޓްރޯލް ނުވެ ސޯލާ ޕެނަލްގައި ޖެހި ފުނޑުފުނޑު
ދަތިކުރުމުގެ ފިޔަވަޅުތަކަށް އަސްކަރީ ރައްދުދޭނެ ކަމުގެ އިންޒާރު