މަރުގެ މައްސަލައެއްގެ ތުހުމަތަށް ފުލުހުން އިއްޔެ ހައްޔަރުކުރި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، ގެ ބަންދަށް 60 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ނިޒާމަކީ ގެއްލިގެން ރިޕޯޓްކޮށްގެން ފުލުހުން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކެވެ.

އޭނާ އިއްޔެ ފެނުނީ މާލޭގެ ގެސްޓް ހައުސްއެއްގައި ހުއްޓަ އެވެ. އަދި މަރުގެ ތުހުމަތަކަށް ފުލުހުން ވަނީ އިއްޔެ އޭނާ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ނިޒާމްގެ ބަންދަށް ކްރިމިނަލް ކޯޓުން 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރިއިރު، އޭނާއާއެކު ގެއްލުނު ކަމަށް ބުނާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ވ. ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް އިއްޔެ ވަނީ ފެނިފަ އެވެ. ނަމަވެސް ނިޒާމް ހައްޔަރުކުރީ ކޮން ސަބަބަކާ ހެދި ކަމެއް ފުލުހުން ނުބުނެ އެވެ.