ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ އަށް ވަގުތު ދެއްވުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުންކަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ގައިސް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު، 2019 އިގަ އެވެ.

ގައިސް ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ސޯލިހުގެ ކެމްޕޭނަށް ވަގުތު ދެއްވަން ބޭނުންފުޅުވާތީ ކަމަށެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ގދ. ތިނަދޫގައި އިސްކޮށް ކުރިން އުޅުއްވި ގައިސްއަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ ކޮއްކޮ ވެސް މެ އެވެ. ގަސަމް ވެސް ހުންނެވީ މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.