ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން އަހުމަދު ރިޔާޒް އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާޒް ފޮނުވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް ރިޓަޔާޑު ކާނަލް މުހައްމަދު ނާޒިމްގެ ކެމްޕެއިންގައި އަމަލީ ގޮތުގައ ބައިވެރިވެ އެ ކެމްޕެއިނަށް ވަގުތު ދެއްވުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރުމުގެ ކުރިން ރިޔާޒް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ހުންނެވި އިރު ރިޔާޒަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތަކާ ގުޅިގެން ހަ މަސް ވަންދެން މުސާރަ ލިބޭ ގޮތަށް ސަސްޕެންޑުކޮށްފަ އެވެ.

އޭގެ ފަހުން ރިޔާޒު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ރިޔާޒަށް ސިޔާސީ މަގާމު ދިން އިރު އޭނާއަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އެކަމަކު ފަހުން އޭނާ ވަނީ އޭނާގެ ކޮއްކޮ އަބްދުﷲ ރިޔާޒް ބައިވެރިވުމާ އެކު އުފައްދާއިވާ އެމްއެންޕީއާ ގުޅިވަޑައިގެންފަ އެވެ. އޭނާ ހަތް މަސް ދުވަހު ސަސްޕެންޝަނެއްގައި ހުންނެވީ މުސާރަ އާއި އެލަވަންސަށް މަހަކު 25،000ރ. އަށް ވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށެވެ.

ކެމްޕެއިނަށް ވަގުތު ހުސް ކުރުމަށް ރިޔާޒް އިސްތިއުފާ ދެއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުންކަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.