ދިވެހި ރާއްޖޭގައި އެކި ޒަމާނުގައި އަލިފާނުގެ ތަފާތު ހާދިސާތައް ހިންގާފައިވެ އެވެ. މީގެ ތެރޭން ބައެއް ހާދިސާތައް ތާރީޚުގައި އެކި ގޮތްގޮތަށް ވަނީ ލިޔެފަ އެވެ. އަލިފާނުގެ ބައެއް ހާދިސާތައް ވަނީ ސިޔާސީ ކަންކަމާ ގުޅުވައިގެން ވެސް ހިންގައިފަ އެވެ. މިފަދަ ކޮންމެ އަލިފާނުގެ ހާދިސާއެއް ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ "ބޮޑުހުޅު"ގެ ނަމުންނެވެ.
މީގެ ގަރުނަކަށް ވުރެ ކުރިން ވެސް ބޮޑުހުޅުގެ ހާދިސާތައް ރާއްޖޭގައި ހިންގާފައިވެ އެވެ. މަޝްހޫރު ބޮޑުހުޅުގެ ހާދިސާއަކީ މާލޭގައި ވަރުގަދަ ދެ އާއިލާ ނުވަތަ ދެ ޕާޓީގެ މެދުގައި ވެރިކަމުގެ ބާރުތައް ހޯދުމުގެ ބޭނުމުގައި ގަސްދުގައި ހިންގާފައިވާ އަލިފާނެކެވެ.
ދާދި ފަހުން އަތޮޅުތަކާއި މާލޭގައި ވަނީ އަލިފާނުގެ ބައެއް ހާދިސާތައް ހިންގައިފަ އެވެ. ރ. އަލިފުށީގެ ކުނިގޮނޑެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައި ވަނިކޮށް ޖެހިގެން އައި ދުވަހު ވަނީ ގދ. ފިޔޯރީ ސްކޫލް އަނދާ ހުލިވެފަ އެވެ. މި މަހު 3 ވަނަ ދުވަހު ވަނީ ހުޅުމާލޭ އެޗްޑީސީ ސައިޓް ކައިރީގައި އޮތް ފުލުހުންގެ ވެހިކަލެއްގައި ރޯކޮށްލައިފަ އެވެ. އިއްޔެ މާލޭގެ ރައްޔިތުން ހޭލެވުނީ ނީލަން ފިހާރައިގެ އަލިފާނުގެ ގަދަހޫނަށެވެ.
ޑިސެމްބަރު 29 ވަނަ ދުވަހު އައްޑޫ ހުޅުދޫގައި ވެސް ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިންގައިފަ އެވެ. އެ ރަށު ބަނދަރު ސަރަހައްދު ވަލުތެރޭގައި ބަހައްޓާފައި ހުރި، މަގުހަދަން ބޭނުންކުރާ، ތާރު ފީފާތަކެއްގައި ރޯކޮށްލާފައި ވަނީ ބަޔަކު ގަސްދުގައި ކަމަށް އެ ރަށު ކައުންސިލުން ތުހުމަތުކޮށްފައިވެ އެވެ.
ރާއްޖޭގައި އަލިފާނުގެ ސިލްސިލާ ހާދިސާތަކެއް ވޭތުވެދިޔަ ދެތިން ދުވަހު ހިންގާފައި ވަނީ ސިޔާސީ މާހައުލު ވަރަށް ބޮޑަށް ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވުމުން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމާ އެކު ޕީޕީއެމާއި ޕީއެންސީން މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް އެ ޕާޓިގެ އެންމެ ނުފޫޒުގަދަ ދެ ބޭފުޅުން ނުކުންނެވުމާ އެކު ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ މި މަހު 28 ގައި އޮންނަ ޕްރައިމަރީ އިންތިޚާބަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ. މިއީ އިންތިޚާބުގެ އަހަރެވެ. ސިޔާސީ ހަރަކާތްތަކުގެ ފޯރި އެންމެ ގަދަވާނެ ދުވަސްވަރެވެ.
މިފަދަ ދަނޑިވަޅެއްގައި އަލިފާނުގެ ހާދިސާތަކެއް ހިންގުމާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ކުރުމަށް ނިންމައިފަ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ފަހަކަަށް އައިސް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ބޮޑު ތަހުގީގެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ފަހުން ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާތަކަކީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ބަލަން ބޭރުގެ ފަޔާ ފޮރެންސިކް އެކްސްޕާޓުންތަކެއް ރާއްޖެ ގެނެސް ތަހުގީގު މިހާރު ވަނީ ފަށައިފި އެވެ. ފުލުހުން ބުނީ ތަހުގީގަށް އެހީތެރިވުމަށް ބޭރުން ގެނައީ އަލިފާނުގެ ހާދިސާތަކާ ގުޅޭ ފޮރެންސިކް އެކްސްޕާޓުންތަކެެއް ކަމަށެވެ. އަލިފާނުގެ ހާދިސާތަކާ އެއްވެސް ބަޔަކާ ގުޅުމެއް އޮތްތޯ ބަލަން އެ މީހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ފަހަކަށް އައިސް އެންމެ ބޮޑަށް ހޫނުވެފައި ވަނީ އެމްޑީޕީގެ ސަރުކާރު ފެބްރުއަރީ 2012 ގައި ވެއްޓި، ދެން ޖެހިގެން އައި ދުވަސްތަކުގަ އެވެ. އެ އަހަރުގެ ރިޔާސީ ބަޔާން މާޗް 19 ގައި، އަލަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެމްޑީޕީ ސަރުކާރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްވަވަނިކޮށް މާލޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. ނީލަން ފިހާރަ އާއި ކުނިގޮނޑުގެ ބައެއްގައި ރޯވެ އެނދި ހާދިސާ އޭރުގެ ސަރުކާރުން ސިފަކޮށްފައި ވަނީ ސިޔާސީ ހުޅެއްގެ ގޮތުގަ އެވެ. ރައީސް އޮފީހުން ބުނެފައި ވަނީ ނީލަން ފިހާރަ އާއި ކުނިކޮށީގައި ރޯކޮށްލީ ބަޔަކު ގަސްދުގައި ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަަމަށެވެ.
ތިރީގައި މި ބަލާލަނީ ރާއްޖޭގައި ހިންގާފައިވާ ބޮޑުހުޅުގެ ބައެއް ހާދިސާތަކަށެވެ. މިފަދަ ބައެއް ހާދިސާތަކުގެ ފަހަތުގައި ވަނީ ސިޔާސީ ކޮންމެވެސް މަންފާއެއް ހޯދުމެވެ. އަނެއްބައި އަލިފާނުގެ ހާދިސާތައް ވަނީ އެކްސިޑެންޓަކުން ހިނގައިފަ އެވެ.
ސިޔާސީ ބޮޑުހުޅު
މުޅި ރާއްޖެ އަށް މަޝްހޫރު ބޮޑުހުޅުގެ ހާދިސާ ހިންގާފައި ވަނީ މީގެ 136 އަހަރު ކުރިން 1887 ވަނަ އަހަރު އެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި އެއީ މާލޭގައި އެ ދުވަސްވަރު ހިންގި ސިޔާސީ ވާދަވެރިކަމެއްގެ ތެރޭން ރޯވެގެން ދިޔަ އަލިފާނެކެވެ. ބޮޑުހުޅުގައި މާލޭގެ ވަރަށް ގިނަ ގެތައް އަނދައި އަޅިއަށްވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެ ދުވަސްވަރު ކޮންމެ ގެއެއްގައި ވެސް ހަވީރުވުމާ އެކު ގޭގައި ހުންނަ ތަކެތި ބޭރަށް ނެރެ، މުޅި ގެ އަށް ފެންޖަހާ ފޯކުރެ އެވެ. އޭރުގެ ގެތައް ހުންނަނީ ފަނުން ހަދައިފަ އެވެ. އެންމެން ތިބެނީ ބޭރަށް ނުކެމެ އެވެ. އެކަމަކު ހުޅުޖަހާ މީހެއް ނުފެނި، ފެންނަނީ މުޅި ގެ އަނދާ ހުލިވާ ތަނެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ހުޅުޖަހާ މީހުން ތިބެނީ ފަންޑިތަ ހަދައިގެން ފާޑެއްގެ ފުއްގަނޑެއް ކައިގެންނެވެ. އެއިން މީހަކު ގަހެއްގެ ފަތަކާ ނިވާވިޔަސް ނުފެންނާނެ އެވެ. މި ފަންޑިދަ ހަދާފައި ވަނީ އެ ދުވަސްވަރު އައްޑޫގައި ހުރި އެންމެ މޮޅު ސިހުރުވެރިޔާ ކަމަށް ބުނާ ކުދުއަބޫ އެވެ. އޭނާގެ އަމުރަށް އެ ދުވަހު މަރުވި 15 އަހަރުގެ ކުއްޖެއް ކޮނެގެން ނަގައި އެ ކުއްޖާގެ މޭގަނޑުން ތެޔޮހާނާ ފުއްގަނޑެއްގައި މޮޑެ އެ ފުއްގަނޑު ވަނީ އަލިފާން ރޯކުރާ މީހުންނަށް ކާންދީފަ އެވެ. ކުދުއަބޫ ފަންޑިތަ ހަދާފައި ވަނީ ދެކަމު ހާޖަތަށް ގޮސް ތާހިރުނުވެ ހުރެގެން ކަމަށް ލިޔުންތަކުގައިވެ އެވެ.
މާލޭގެ މަޝްހޫރު ބޮޑުހުޅަކީ އިތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި ހެންވޭރުގޭ އަލް ވަޒީރު ހަސަން ހަކުރާ މަނިކުފާނާ ދެމެދު ހިންގި ސިޔާސީ ވާދަވެރިކަމެއްގެ ތެރޭން އުފަންވި ހުޅެކެވެ. އިބްރާހިމް ދޮށިމޭނާ ކިލެގެފާނަކީ މުހައްމަދު އަމީންގެ ކާފާފުޅެވެ.
އޭރު ރާއްޖޭގެ ސިޔާސީ މައިދާނުގައި މައިގަނޑު ގޮތެއްގައި ބާރު އޮތީ އަތިރީގޭ ޕާޓީ އާއި ކަކާގޭ ޕާޓީއާ ދެމެދު އެެވެ. އަތިރީގޭގައި ވަނީ ވެރިކަމުގެ ސައްލާތައް ހިންގައިފަ އެވެ. މާގިނަ ދުވަސްތަކެއް ނުވެ އިބްރާހިމް ދޮށިމޭނާ ކިލޭގެފާނު ބޮޑުވަޒީރުކަމުން ވަކިކޮށް މުހައްމަދު ރަންނަބަނޑޭރި ކިލޭގެފާނަށް ބޮޑުވަޒީރުކަން ދިނުމުން ކަކާގޭ ޕާޓީގެ ބާރު މާގަދަވެއްޖެ އެވެ. ނަތީޖާ އަކީ އަތިރީގޭ ޕާޓީން ސަރުކާރާ ދެކޮޅަށް ފާޅުގައި ނުކުތުމެވެ. ނަމަވެސް އިބްރާހިމް ދޮށިމޭނާ ކިލޭގެ ފާނުގެ ބަހަކަށް ރައްޔިތުން މިފަހަރު ނުހެއްލުނެވެ. މުހައްމަދު ރަންނަބަނޑޭރި ކިލޭގެފާނު ބަލިކުރެވޭނެ ގޮތެއް ނެތުމުން އިބްރާހިމް ފާމުލަދޭރިކަލޭގެފާނު ވަނީ އެކުވެރިންގެ ބަޔަކާ އެކު މާލެ ގަޑުބަޑު ކުރުމުގެ ހަރަކާތެއް ފަށައިފަ އެވެ. އެ ގޮތުން ވޯރާ ވިޔަފާރިވެރިންނަށް އަނިޔާކޮށް އެ މީހުންގެ މުދަލަށް ގެއްލުންދޭން ފެށި އެވެ. އަދި މާލޭގެ އެކި ތަންތަނުގައި ހުޅުޖަހަން ފެށި އެވެ. މި ހުޅުގެ ފަހަތުގައި ހުންނެވީ އަތިރީގޭ އިބްރާހިމް ދޮށީމޭނާ ކިލޭގެފާނެވެ.
ބޮޑުހުޅު ފަށަން އެންމެ ފުރަތަމަ ބުޗާ ދޮންތު ރޯކުރީ އޭނާގެ ގޭގަ އެވެ. އެއީ ފެބްރުއަރީ 3، 1887 އެވެ. އޭގެ ފަހުން، ބަރަހަނާ ހާލުގައި ތިބި މީހުން ގޮސް މާލޭގެ އެތައް ގެއެއްގައި ހުޅުޖަހާ އަންދާ ހުލިކޮށްލި އެވެ. ބޮޑުހުޅު ފަޅާއެރީ ފުއްގަނޑު އެއްކޮށްކައި ހުސްނުކުރެވުނު ސައިކުރާ ކޮއެގެ ފަރާތުންނެވެ.
ބޮޑުހުޅުގައި ބައިވެރިވި މީހުން ހިފައި ހައްޔަރުކުރަން ފެށީ ސެޕްޓެމްބަރު 9، 1887 ގަ އެވެ. ހައްޔަރުކުރި އެންމެން ވެސް ބުނެފައި ވަނީ އެކަންކުރީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލޭގެފާނު ބުނެގެން ކަމަށެވެ. މި ކުށުގެ އަދަބެއްގެ ގޮތުން ސެޕްޓެމްބަރު 29، 1887 ގައި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލޭގެފާނު ވަނީ އައްޑު އަތޮޅު ހުޅުދުއަށް އަރުވާލައިފަ އެވެ.
ފެބްރުއަރީ 8 ގެ ބޮޑުހުޅު
ފަހުގެ ތާރީޚެއްގައި ދިވެހިން ތަޖުރިބާކުރި ބޮޑު ހުޅަކީ ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލުމާ ގުޅިގެން ޖެހިގެން އައި ދުވަހު މާލެ އާއި އަތޮޅުތަކުގައި ހިންގި އަލިފާނުގެ ބޮޑެތި ހާދިސާތަކެވެ.
"ޤަރުނުގެ ބޮޑު ހުޅު" ގެ ގޮތުގައި ލިޔުންތެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީ ލިޔުއްވައިފައިވާ ފޮތުގައި ފުލުހުންނާއި ޝަރުއީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެންބައެއް ތަންތަނާއި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 183 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވިތާ 24 ގަޑި އިރު ވެސް ނުވަނީސް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ ވެރިކަން އަލުން ހޯދުމަށް މަގުމައްޗަށް ނުކުތުމަށެވެ. މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕާއި ސަޕޯޓަރުން މާލޭގެ މަގުތަކަށް ނުކުމެ ކުރި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގާދިޔަ ހަމަ ނުޖެހުންތަކުގައި އެމްޑީޕީގެ ލީޑަޝިޕުގެ އިސްބޭފުޅުނާއި އާންމު މެމްބަރުންނަށް ވެސް އެތައް އަނިޔާއެއް ލިބުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޕާޓީގެ ޖޯޝުގައި ޖެހި، އަމަން ބަލަހައްޓަމުންދިޔަ ފުލުހުންގެ އިދާރާތަކާއި ތަރިކަ މުދަލާއި ވަރި ކައިވެނީގެ ރެކޯޑްތަކާއި އެނޫން ވެސް ގިނަ ލިޔެކިޔުންތަކެއް ބަލަހައްޓަމުންދިޔަ ޝަރުއީ ކޯޓުތައް އަންދާލާ އަޅިއަށް ހަދާލުމެވެ.
ފެބްރުއަރީ 8 ގެ "ބޮޑުހުޅުން" ފުލުހުންގެ އިމާރާތްތަކާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 112 މިލިއަން ރުފިޔާއަށް ވުރެ ވެސް ބޮޑު ކަމަށް ފުލުހުން އޭރު ވަނީ ހާމަކޮށްފަ އެވެ. އަތޮޅުތަކުގެ ރަށްރަށުގައި ހުރި ފުލުހުންގެ އިދާރާތަކާއި ވެހިކަލްތަކަށް ލިބުނު ގެއްލުމުގެ ސަބަބުން 19 ޕޮލިސް ސްޓޭޝަންގެ ޚިދުމަތް މެދުކެނޑުނެވެ. ފުލުހުންގެ އިދާރާތަކަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ޖަރީމާ ހިންގި މީހުން ހައްޔަރު ކުރެވޭނެ ގޮތް ވެސް އޮތީ ނުވެފަ އެވެ. އަމަން ބެލެހެއްޓުމުގެ ދާއިރާއަށް ލިބިގެން ދިޔަ ގެއްލުމުގެ ތެރޭގައި 200 އަށް ވުރެ ގިނަ އެއްގަމު އުޅަނދުގެ އިތުރުން ދެ ލޯންޗަށް ވެސް ގެއްލުން ދީފައިވެ އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 2012 ގައި ހާމަކޮށްފައިވާ ގޮތުގައި ބައެއް ރަށްރަށުގައި އަންދާލައިފައިވާ ކޯޓުތަކުގެ އިތުރުން ތަކެއްޗަށް ގެއްލުން ދިނުމުގެ ސަބަބުން ލިބުނު މާލީ ގެއްލުން 50 މިލިއަން ރުފިޔާ އަށް އަރާނެ އެވެ. އައްޑޫ މީދޫ ފިޔަވައި އެ ސިޓީގެ ހުރިހާ ރަށެއްގެ ކޯޓުތަކުގެ އިތުރުން ގދ. ތިނަދު އާއި ރަތަފަންދު އާއި ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓު ފެބުރުއަރީ 8 ގެ "ބޮޑުހުޅު" ގައި ވަނީ އަންދާލައިފަ އެވެ. މީގެ އިތުރުން ހަތަރު ރަށެއްގެ ކޯޓުތަކަށް ވަނީ ގެއްލުން ދީފަ އެވެ. އެއީ ނ. ވެލިދޫ ކޯޓާއި ބ. ކަމަދޫ ކޯޓާއި ގޮއިދޫ ކޯޓާ އަދި ގދ. ގައްދޫ ކޯޓެވެ. މީގެ އިތުރުން ބަޔަކު ނުކުމެ ނުރުހުން ފާޅުކޮށް ހަ ކޯޓެއްގެ މަސައްކަތް ހުއްޓާލައި ބަންދުކުރަންޖެހުނު ކަމަށް ޖުޑިޝަރީން އޭރުވަނީ ހާމަކޮށްފަ އެވެ.
އެންމެ ބޮޑު ގެއްލުމެއް ދީފައި ވަނީ އައްޑު އަތޮޅަށެވެ. އެ އަތޮޅުގެ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި މީދުގެ ކޯޓު ފިޔަވައި ހުރިހާ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކާއި އެ ތަންތަނުގައި ބޭނުން ކުރަމުން ދިޔަ ވެހިކަލްތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާ އަޅިއަށް ހަދާލައިފަ އެވެ. އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިތުރުން ޕޮލިސް ޓްރޭނިން ސެންޓަރު ވެސް ވަނީ އަންދާލައިފަ އެވެ.
އައްޑޫ ސިޓީ ފިޔަވައި ފެބުރުއަރީ 8 ގެ "ބޮޑުހުޅުން" ދެން އެންމެ ބޮޑު ގެއްލުމެއްވެފައި ވަނީ ގދ. ތިނަދުއަށެވެ. ބޮޑުހުޅު ފެށުނީ ވެސް ތިނަދޫންނެވެ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ފުލުހުންގެ އިދާރާ އާއި އަތޮޅު ކައުންސިލް އިދާރާ ވެސް ވަނީ އަންދާ އަޅިއަށް ހަދާލައިފަ އެވެ.
ސިޔާސީ ހުޅަކަށް ނުވި ނަމަވެސް މާލޭގައި ފަހަކަށް އައިސް ވަނީ އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގައިފަ އެވެ.
މާޗް 19، 2012 (ނީލަން ފިހާރައިގައި ރޯކޮށްލުން)
ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ހޫނުވެފައި ވަނިކޮށް ނީލަން ފިހާރަ އާއި ކުނިކޮށީގައި ރޯކޮށްލި އަލިފާނުގެ ހާދިސާ އޭރުގެ ސަރުކާރުން ސިފަކޮށްފައި ވަނީ ބަޔަކު ގަސްދުގައި ކުރި ކަމެއްގެ ގޮތުގަ އެވެ. މާލެ މަތިން އަރައިގެން ދިޔަ ބޮޑު ހުޅުގަނޑާ އެކު ނީލަން ފިހާރައިގެ ހަތަރު ގުދަން ވަނީ އަނދާ ހުލިވެފަ އެވެ. ނީލަން ފިހާރައިގެ އެތެރެ އާއި ބޭރުގައި ބަހައްޓާފައި ހުރި ހުރިހާ މުދަލެއް ވަނީ އަޅިއަށްވެފަ އެވެ.
ޑިސެމްބަރު 4، 2014 (އެމްޑަބްލިއުއެސްސީގެ އަލިފާން)
އެމްޑަބްލިއުއެސްސީގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ތަހައްމަލު ކުރަން ޖެހުނެވެ. އޭރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެކުލަވާލި ޓާސްކް ފޯހުން އަންދާޒާކޮށްފައިވާ ގޮތުގައި އެ ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 20 މިލިއަން ޑޮލަރު ބޭނުންވާނެ އެވެ. އެމްޑަބްލިއުއެސްސީގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ވެސް ތަފާތު ގޮތްގޮތަށް އަޑުތައް ފެތުރިގެން ދިޔަ އެވެ.
މާޗު 20، 2015 (ލިލީގެ ގުދަނުގައި ރޯވުން)
މ. އޯކްވިލާގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނެއްގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެ ގުދަން އެކީ ހުލިވެފަ އެވެ. ލިލީ ސްޓޯރު ހިންގާ ލިލީ އެންޓަޕްރައިސަސް އިން ބުނެފައި ވަނީ ގުދަނުގައި ހުރި މުދަލުގެ އަގު 30 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެ ގުދަނުގައި 25 ކޮންޓެއިނަރުގެ މުދާ ހުއްޓެވެ. ލިލީގެ ގުދަނުގައި ރޯވި އަލިފާނުގެ ސަބަބުން އެ ސަރަހައްދުގެ ހަތް ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ސެޕްޓެމްބަރު 19، 2019 (އަބަދަށްފެހި މަގުގެ ކެމިކަލް ގުދަންތަކުގައި ރޯވުން)
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަންތަކެއްގައި އަލިފާން ރޯވެ ހިނގި ބޮޑު ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަ ގުދަނެއްގައި ރޯވެ، އެކަކު ވަނީ މަރުވެފަ އެވެ. އަދި ހަ ގެއަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އަލިފާން ނިއްވާލައި، އެ ސަރަހައްދު ސާފުކުރި އިރު ބައެއް ގެތަކާއި ގުދަންތައް ވަނީ ބިމާހަމަވެފަ އެވެ.
ސެޕްޓެމްބަރު 30، 2019 (ޓީ-ޖެޓީ ސަރަހައްދުގެ އަލިފާން)
މާލޭގެ ހުޅަނގު ދެކުނު ޓީ-ޖެޓީ ސަރަހައްދުގައި އޮތް ނެވި ކިޔާ ބޮޑު ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗުގެ އިތުރުން ފަސް ތެޔޮ ބައުޒަރު ވަނީ އަނދާ ހުލިވެފަ އެވެ. އަދި 10 ބައުޒަރަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ. އެ ވަގުތު ލޯންޗުގައި ތިބި ހަތަރު ދިވެއްސަކަށް އަނިޔާވެ އޭގެ ތެރޭން ދެ މީހުންގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ. އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ނުވަ މީހަކަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދީފަ އެވެ.
ނޮވެމްބަރު 9، 2022 (ނިރުފެހިގޭ އަލިފާނުގެ ހާދިސާ)
ރާއްޖޭގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލުނު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ނިރުފެހިގޭގަ އެވެ. އެގޭގައި ހިންގި ގަރާޖެއްގައި ރޯވެ މަތީ ފްލޯތަކުގައި ދިރިއުޅުނު މީހުންގެ ތެރޭން 10 މީހުން ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުން އަދި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ. އެ ގޭގެ މަތީ ދެ ފްލޯގައި 38 ބިދޭސީން ދިރިއުޅުނެވެ.
ޑިސެމްބަރު 15، 2022 (އެފްކޮންސްގެ މުވައްޒަފުން ތިބޭ ތަނުގައި ރޯވުން)
މާލެ އާއި ވިލިމާލެއާ ދެމެދު ބްރިޖް އަޅާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މަސައްކަތު މީހުން ގުޅިފަޅުގައި ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިންގައިފަ އެވެ. އެ ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން އުޅެނިކޮށް ވަނީ، އިންސާނެއްގެ ކަށިގަނޑެއްގެ ބައެއް ފެނިފަ އެވެ. އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 80 ވަރަކަށް މުވައްޒަފުން ޒަޚަމްވި އެވެ. އަލިފާން ރޯވި ސައިޓުގއި އެފްކޮންސްގެ 457 މުވައްޒަފުން ދިރިއުޅުނެވެ.
ޖެނުއަރީ 9، 2023 (ނީލަން ފިހާރައިގައި ރޯވުން)
ނީލަންފިހާރައިގައި މީގެ ކުރިން ވެސް ދެތިން ފަހަރެއްގައި އަލިފާން ރޯވެފައިވާއިރު އިއްޔެގެ އަލިފާނުގެ ހާދިސާގައި ވަނީ ނީލަންފިހާރަ އެކުގައި އަނދާ ހުލިވެފަ އެވެ. ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑާ އެކު ބޮޑު ސަރަހައްދަކަށް ބޯ ދުން ފެތުރުނެވެ. ދުމުގެ ސަބަބުން ސިއްހަތަށް ވެސް ނޭދެވޭ އަސަރު ކުރާނެތީ އެ ސަރަހައްދާ ކައިރީގައި ހުންނަ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލާއި ބިލަބޮންގް ސްކޫލާއި ވިލާ ކޮލެޖުގެ ކިޔެވުން ވެސް އިއްޔެ މެދުކަނޑާލި އެވެ. ނީލަން ފިހާރައިގެ އަލިފާނުގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭ ބްލޮކަކަށް ގެއްލުން ލިބުމުން ހާލުގައި ޖެހުނު 133 ބިދޭސިންނަށް ސަރުކާރުން ވަނީ ހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ.
ރާއްޖޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް ލިޔެފައިވާ ލިޔުމެއް. ބޮޑުހުޅާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ. ޝުކރިއްޔާ ހުރިހާ ނިއުސްގެ ޓީމަށް
ސިޔާސީ ގޮތުން ހަލަބޮލިވާ ދުވަސްވަރު މިރާއްޖޭގައި ހުޅުޖެހުމަކީ ހަމަ އާއްމުކަމެއް.