އުއްތަރަކަންދު (ޖެނުއަރީ 10) - އިންޑިއާގެ އުއްތަރަކަންދުގެ އަވަށެއްގެ ގެތަކުގެ ފާރުގައި ރެނދުލައި، މަގުތައް ކަނޑައިގެން ދާން ފެށުމުން މީހުން ބިރުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވާން ފަށައިފި އެވެ.

ޖޮޝީމަތީ އަވަށުގައި މިހާރު ވަނީ މުސީބާތުގެ ހާލަތު އިއުލާންކޮށްފަ އެވެ. އެ އަވަށުގެ 600 އަށް ވުރެ ގިނަ ގޭގޭގައި ވަނީ ބޮޑެތި ރެނދުތައް ލައި، ފާރުތައް ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފަ އެވެ. މިހެން ދިމާވަނީ ބިންގަނޑު ގެނބެމުންދާތީ އެވެ. މަގުތަކުގެ ތާރުގަނޑު ވެސް ވަނީ ވަރަށް ބޮޑަށް ކަނޑައިގެންދާން ފަށައިފަ އެވެ.

އޮފިޝަލުން ބުނެފައި ވަނީ ގެތައް ހަލާކުވާ މީހުންނަށް ބަދަލެއްގެ ގޮތުން ސްޓޭޓުގެ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ގާތްގަނޑަކަށް 68 އާއިލާ މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އިންޑިއާގެ އުއްތަރަކަންދުގެ ޖޮޝިމާތު ޓައުނުގެ ގެއެއްގެ ފާރުގައި ރެނދުލާފައި. --ފޮޓޯ:ދަހިންދޫ

ފެޑެރަލް ސަރުކާރުގެ ޓީމެއް މިހާރު ވަނީ ޖޮޝިމަތީ އަށް ގޮސް އެ އަވަށުގެ ހާލަތު ބަލަން ނިންމައިފަ އެވެ.

ޖޮސީމަތީގައި 1976 ވަނަ އަހަރު ވެސް ވަނީ ބިންގަނޑު ގެނބުމުގެ ހާދިސާއެއް ކުރިމަތިވެފަ އެވެ. އެ ފަހަރު ވެސް ގެތަކުގައި ވަރަށް ބޮޑަށް ވަނީ ރެނދުލައިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެގޮތަށް ދިމާވަނީ މާވަރުގަދަ އަށް ކޮންސްޓްރަކްޝަން މަސައްކަތްތައް ހިންގާތީ އެވެ. ތަޖްރިބާކާރުން ބުނެފައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ސަބަބުން އެ އަވަށުގެ އިކޮލޮޖިކަލް ބެލެންސް ގެއްލިފައިވާ ކަމަށެވެ.