މާލެ ހިމެނޭ މެދު ރާއްޖެތެރެއަށް ދުރު ފެންނަ މިންވަރު ވޭތުވެދިޔަ 24 ގަޑިއިރު 4 ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ޖައްވު ފުސްވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ސާފު ދުވަހެއްގައި 10 ކިލޯ މީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު، ޚާއްސަކޮށް މެދު ރާއްޖެ ތެރެ ސަރަހައްދަށް އެ މިންވަރު ހުރީ އެވްރެޖް ގޮތެއްގައި 4 ކިލޯ މީޓަރަށް ދަށްވެފައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި، ބާރުމިން އަދި ވިއްސާރަވުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ރާއްޖޭގެ ވައި ނުސާފުވެ ޖައްވު ފުސްވުމުގެ މައްސަލައަކީ މީގެ ކުރިން ވެސް ބައެއް ދުވަސްވަރު ރާއްޖެއިން ފެންނަ މަންޒަރެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ވެސް މި މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

މޫސުމާބެހޭ އިދާރާއިން އޭރުބުނީ ރާއްޖޭގެ ޖައްވުން މި ފެންނަ ބަދަލަކީ ދުނިޔޭގެ މާދުރު ގައުމުތަކުގެ މޫސުމީ ބަދަލަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި އެ ހިސާބުތަކުގެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން، ރާއްޖޭގެ ސަރަޙައްދުން ވެސް މި ބަދަލު ފެންނަނީ ކަމަށް މެޓް އޮފީހުން އޭރު ބުންޏެވެ.

މިއާއެކު ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިކަމަށް ސަމާލުކަން ދޭންވީ ކަންތައްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވައިގެ ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފުއްޕާމެގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  • ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން
  • ކުޑަކުދިންނާއި، ދޮށި އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން،
  • ތުއްތު ކުދިން ބޭރަށް ނުނެރުން
  • ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑު ޖައްސާލުން