އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ޖަލްސާއެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

އެކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި "ވިސްނާ" ނަމުގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

"އަންނަ ހޮނިހިރު ދުވަހުގެރޭ ޖަލްސާ ބޭއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ މިހާރު ހުއްދައަށް އެދި ސިޓީ ފޮނުވާފައި. އެޗްޕީއޭއިން އެބަބުނޭ މާލޭގައި ޖަލްސާތަކާއި ޙާފްލާތައް ބޭއްވޭނެ ކަމަށް. އަޅުގަނޑުމެން ތިބޭނީ މާސްކް އަޅައިގެން، ސެނިޓައިޒްކޮށްގެން. މިފަހަރު މިހުއްދަ ސަރުކާރަށް ދޭން ކެރޭތޯ އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ބަލަން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީހެއް ނުދިނުމަށް ސަރުކާރުން ގެންގުޅޭ އެންމެބޮޑު ހަތިޔާރަކީ އެޗްޕީއޭ ކަމަށެވެ.

ރާއްޖޭގައި އޮތް ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައި އިންތިޚާބު ނުބޭއްވޭނެ ހުރިހާ މަގެއް ހޯދުމަކީ އެޗްޕީއޭގެ ވެސް މިއަދުގެ އަމާޒު ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ތާއަބަދު އިންތިޚާބު ބާއްވާނެ ކަމަށް ބަލައިގެން ނުތިބޭނެ ކަމަށާއި، އިންތިޚާބު ބޭއްވުމަށް، ނުވަތަ އިންތިޚާބު ހޯދުމަށް ކުރަންޖެހޭ ކަންކަން ކޯލިޝަނުން ކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުންދަނީ އެމްޑީޕީގެ އެތެރޭގައި ބާރު އޮންނާނީ ކޮން ބޭފުޅަކަށް ކަން ކަނޑައެޅުމުގައި ކަމުގައި ކަމަށާއި އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނޫޅޭ ކަމަށެވެ.

"ކޮން އިތުރު އިންތިޚާބެއްގެ ވާހަކަތޯ ދެއްކޭނީ، ދެ ބޭފުޅުން އެއުޅުއްވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ނަގާނީ ކާކުތޯ ބަލަން. އެކަމަށް އެވާދަކުރަނީ. އެހަނގުރާމަ ނިމިގެން ނޫންތޯ އެހެން ކަމަކާއި އުޅެވޭނީ،" ޝުޖާއު ވިދާޅުވި އެވެ.

އިންތިޚާބު ކޮންމެ ތާރީޚެއްގައި ބޭއްވިޔަސް އިންތިޚާބު ކާމިޔާބު ވާނެކަމާއިމެދު އެއްވެސް ޝައްކެތްނެތް ކަމަށް އޭނާ ވިދާޅުވި އެވެ.