މޯލްޑިވްސް ބްރޯޑްސްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައި މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިދިޔަ އާދީއްތަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި ހަރަކާތްތެރިވުމަށެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު އެ އޮފީހަށް ހުށަހެޅުމަށް އެދިފައިވެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަތުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރު ފުރިފައިވާ މުސްލިމް، ދިވެހި ރައްޔިތަކަށްވުމާއި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ފާއަތުވި ފަސް އަހަރުތެރޭ ޝަރީއަތުން ސާބިތުވެފައިވާ މީހަކަށް ނުވުމެވެ.

މީގެ އިތުރުން ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތު އޮތް މީހަކަށް ނުވުމާއި، ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން ލާޒިމެވެ.

މިއާއެކު، މަގާމަށް ކުރިމަތިލާ މީހަކީ ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވެސް އިންތިހާބުކުރެވޭ ނޫނީ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.

ބްރޯޑްކޮމްގެ މެމްބަރުންނަކީ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ނަންތަކުގެ ތެރެއިން މަޖިލީހުން އައްޔަންކުރާ ބޭފުޅުންނެވެ.

ރައީސް އޮފީހުން ބުނީ އެ ލިޔެކިއުންތައް ބަލައިގަންނާނީ މި މަހުގެ 22 އާއި 23ގެ 9:30 އިން 12:30 އަށް ކަމަށެވެ.

ބްރޯޑްކޮމް އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގެ މެމްބަރުންނަށް ލިބެނީ ފަސް އަހަރުގެ ދައުރެކެވެ.