ރިޔާދު (13 ޖެނުއަރީ) ސައޫދީ އަރަބިއާގެ އިތުރު 250 އަންހެނަކު އަސްކަރީ ތަމްރީނުތައް ފުރިހަމަކޮށް އެގައުމުގެ އާމްޑް ފޯސަސްއާ ގުޅެން ތައްޔާރުވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ސައޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ)އިން ހާމަކުރާ ގޮތުގައި މި އަންހެނުން ތަމްރީނު ހާސިލް ކޮށްފައިވަނީ ޑިޕްލޮމެޓިކް ސެކިއުރިޓީގެ އިތުރުން ހައްޖު އަދި އުމުރާގެ ސަލާމަތީ ކަންކަން ބެެލެހެއްޓުމުގެ ރޮނގުންނެވެ.

މިފަހަރު ތަމްރީނު ފުރިހަމަކުރި 250 އަންހެނުންނަކީ ސައޫދީ އަރަބިއާގެ އަސްކަރީ ތަމްރީނުތައް ފުރިހަމަކުރި އަންހެނުންގެ ހަތަރުވަނަ ބެޗް އެވެ.

ސައޫދީ އަރަބިއާގެ އަންހެނުންނަށް ވެސް އަސްކަރިއްޔާގައި ހަރަކާތްތެރިވެވޭ ގޮތަށް އެގައުމުގެ ސަރުކާރުން 2019 ވަނަ އަހަރު ހަމަޖެއްސުމާއެކު ގިނަ އަދަދެއްގެ އަންހެނުންތަކެއް ވަނީ އަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް ވަންނަން އެދި ހުށައަޅާފަ އެވެ.

"އަސްކަރިއްޔާގެ މަގާމުތަކަށް އަންހެނުންނާއި ފިރިހެނުންނަށް ވެސް މިހާރު ކުރިމަތި ލެވޭނެ" ސައޫދީ އަރަބިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެގޮތުން އަންހެނުންނަށް ކުރިމަތިލެވޭ މަގާމުތަކުގެ ތެރޭގައި ފައުޖީން، ކޯޕްރަލް، ލާންސް ކޯޕްރަލް، ސާޖަންޓް އަދި ސްޓާފް ސާޖަންޓް ހިމެނޭ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނެ އެވެ. -- އަލް އަރަބިއްޔާ