ތެހްރާން (14 ޖެނުއަރީ) އީރާނަށް ވާރޭ ނުވެހި ހަަނަފަސްކަން ކުރިމަތިވަނީ އެގައުމުގެ އަންހެނުން ބުރުގާ ނާޅައި އުޅޭތީ ކަމަށް އީރާނުގެ ދީނީ އިލްމުވެރިއަކު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީއަށް ތާއީދުކުރާ މުހައްމަދު މަހްދީ ހުސައިނީ ހާމިދައިނީ ވިދާޅުވީ އީރާނަށް ވާރޭ ނުވެހި ގިނަ ދުވަސް ތަކެއް ވެފައިވަނީ އަންހެނުން އެމީހުންގެ އައުރަ ނިވާ ނުކުރާތީ ކަމަށެވެ.
މަހްދީ މިހެން ވިދާޅުވެފައި މިވަނީ އާއްމު ތަނެއްގައި ބުރުގާ ނާޅާ އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި 22 އަހަރުގެ މަހްސާ އަމީނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވުމާއެކު އެގައުމުގައި ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށެވެ.
އީރާނަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މި ހަނަފަސްކަމަކީ ފާއިތުވި 50 އަހަރުގެ ތެރޭގައި އެގައުމަށް ކުރިމަތިވި އެންމެ ބޮޑު ހަނަފަސްކަން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހަނަފަސްކަމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ބުރޫ އަރާފައިވާއިރު އެގައުމުގެ އެކި ހިސާބުތަކުގައި ފެނަށް ޖެހިދާނެ ކަމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ.
މަހްދީ އިތުރަށް ވިދާޅުވެފައިވަނީ އަންހެނުންގެ ބުރުގާއާއި ގުޅިގެން ހަރުކަށި ސިޔާސަތުތަކެއް ހަދަން ޖެހިފައިވާ ކަމަށާއި ގަވާއިދުތަކަށް އަމަލު ކުރޭތޯ ބަލަން ޖެހޭ ކަމަށެވެ.
އީރާނުގައި އަންހެނުން ބުރުގާ އެޅުމަކީ ގާނޫނުން މަޖުބޫރު ކޮށްފައިވާ ކަމަކަށްވާއިރު ގާނޫނާ ޚިލާފުވާ އަންހެނުންނަށް އެގައުމުގައި ހަރުކަށި އަދަބު ދެވެ އެވެ. -- އަލް އަރަބިއްޔާ
ކާމިޔާބީގެ ސިއްރު: ވަގުތު "މެނޭޖް" ކުރަން ދަސްކުރުން!
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
އެންމެ ބޮޑު ޤުރުއާން މުބާރާތުގެ 4 ވަނަ ދިވެހި ދަރިވަރަކަށް