ފައިގެ ފުންނާބު ފަޅައިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް، ހާއްސަކޮށް އަންހެނުންނަށް ދިމާވާ މައްސަލަ އެކެވެ. މޫސުމަށް އަންނަ ބަދަލާއެކު ވެސް ފުންނާބު ފަޅައިގެން ދިއުމުގެ މައްސަލަ ބޮޑުވެ އެވެ. ބައެއް މީހުންގެ ފުންނާބު ފަޅައިގެން ގޮސް ލޭ އައިސް އަދި ފަޅައިގެން ގޮސްފައިވާ ތަނުގައި ޖަރާސީމު އަށަގަންނަ ގޮތް ވެސް ދިމާވެ އެވެ.

އާންމުކޮށް ފުންނާބު ފަޅައިގެންދާ ސަބަބު ތަކެއްގޮތުގައި ސިއްހީ މާހިރުން ފާހަގަ ކުރާ ކަންތަކުގެ ތެރޭގައި ހިމެނެނީ އެކަށީގެންވާ މިންވަރަށް ފައިދޮވެ ސާފު ނުކުރެވުމާއި ހޫނު ގަދަވުމާއި ފައިގެ ދަށްފުށުގެ ހަން މާބޮޑަށް ހިކުމާއި އިންފެކްޝަން އުފެދުމެވެ.

މީގެ އިތުރުން ހަކުރު ބަލި ނުވަތަ ތައިރޮއިޑްގެ ސަބަބުން ވެސް ހަންގަނޑު ކުރަކި ވާއިރު، ފަޔާ ނުގުޅޭ ފައިވާނަކަށް އެރުން، ވިޓަމިންގެ ބާވަތްތައް މަދުވުން ފަދަ ކަންކަމުން ވެސް ފައިތިލަ ފަޅައިގެންދެ އެވެ.

ފުންނާބު ފަޅައިގެން ދާނަމަ ކާށިތެލުން މަސާޖު ކުރުން އެދެވިގެންވެ އެވެ. ނިދަން އޮށޯތުމުގެ ކުރިން ފައި ރީއްޗަށް ދޮވެލާފައި ފޮހެލުމަށްފަހު ފުންނާބުގެ ފަޅައިގެން ގޮސްފައިވާ ހިސާބުގައި ތާޒާ ކާށިތެޔޮ އުނގުޅާށެވެ.

ތެޔޮ އުނގުޅާނީ ތަންކޮޅެއް ގިނައިންނެވެ. ދެން ބައިގަޑިއިރު ނުވަތަ 20 މިނިޓް ވަންދެން މަސާޖް ކުރާށެވެ. އަދި އެއަށްފަހު ބޯ އިސްޓާކީނަކަށް އަރައިގެން ނިދާށެވެ. ރޭގަނޑު އެއްކޮށް މި ގޮތަށް ބެހެއްޓުމުން ރަނގަޅުވާނެ އެވެ.

މީގެ އިތުރުން ތާފަނާ ފެނުގެ ތެރޭގައި 20 ވަރަކަށް މިނެޓް ވަންދެން ފައި ލައިގެން އިންނާށެވެ. ވިހި މިނެޓްވުމުން ފައި ރަނގަޅަށް ހިއްކާލުމަށް ފަހު ރަނގަޅު މޮއިސްޗަރައިޒާއެއް ނުވަތަ ވެސްލިން ބޭނުން ކުރާށެވެ.