ތެހްރާން (16 ޖެނުއަރީ) ރަޝިއާއިން އީރާނަށް ފޮނުވަން ހަމަޖެހިފައިވާ އަސްކަރީ ހަތިޔާރުތަކުގެ ފުރަތަމަ ޝިޕްމަންޓް އަންނަ މާޗް މަހުގެ ތެރޭގައި ފޮނުވާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިީހުގެ މެމްބަރެއް ކަމަށްވާ ޝާހްރިއާރް ހައިދަރީއާ ހަވާލާދީ ތަސްނީމް ނިއުސް އެޖެންސީއިން ބުނީ ރަޝިއާގެ މި އަސްކަރީ އެހީގެ ތެރޭގައި ޑިފެންސް ސިސްޓަމްތަކާއި މިސައިލްތަކުގެ އިތުރުން ހެލިކޮޕްޓަރުތައް ވެސް ހިމެނޭ ކަމަށެވެ.

"މީގެ ތެރެއިން ގިނަ ހަތިޔާރުތައް ވަރަށް އަވަހަށް ލިބޭނެ. އެގޮތުން ރަޝިއާއިން ފޮނުވާ ސުކޮއި 35 ޖެޓުތައް އަންނަ މާޗު މަހުގެ ތެރޭގައި ފޮނުވާނެ" ހައިދަރީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށިފަހުން އެގައުމާއި އީރާނާ ދެމެދު އޮތް ގުޅުންތައް ވަނީ އިހުނަށްވުރެ ވަރުގަދަވެފަ އެވެ.

އެގޮތުން އީރާނުން ވަނީ ހަނގުރާމައިގައި ބޭނުންކުރަން ރަޝިއާއަށް އަސްކަރީ ޑްރޯންތަކެއް ވެސް ފޮނުވާފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި ހުޅަނގުގެ ނުރުހުން އީރާނަށް ވަނީ އަމާޒުވެފަ އެވެ.

ރަޝިއާގެ ހަތިޔާރު ލިބޭނެ ކަމަށް އީރާނުގެ ސަރުކާރުން ބުނެފައި މިވަނީ އެގައުމުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. -- އަލް އަރަބިއްޔާ