ކީވް (18 ޖެނުއަރީ) ޔޫކްރެއިންގެ ވެރިރަށް ކީވްގެ ރަށްބޭރުން ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި 18 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި އެގައުމުގެ އިންޓީރިއާ މިނިސްޓަރު ޑެނީސް މޮނަސްޓީރްސްކީއާއި އެ މިނިސްޓްރީގެ ބައެއް އޮފިޝަލުންގެ އިތުރުން ތިން ކުދިން ވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެ އެވެ.

ހެލިކޮޕްޓަރު ވެއްޓިފައިވަނީ ކީވްގެ އިރު އުތުރުން އޮންނަ ބްރޯވަރީ ނަމަކަށް ކިޔާ ސަރަހައްދަކަށެވެ. ބޯޓު ވެއްޓުނު ސަރަހައްދުގެ ކައިރީގައި މީހުން ދިރިއުޅޭ އިމާރާތެއް ހުރި ކަމަށް އޮފިޝަލުން ބުނެ އެވެ.

ރެސްކިއު ޓީމުތަކުން ބުނެފައިވަނީ މިހާތަނަށް އިތުރު 29 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު އޭގެ ތެރޭގައި 15 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

2021 ވަނަ އަހަރު މަގާމާ ހަވާލުވި ޑެނީސްގެ އިތުރުން އޭނާގެ ނާއިބު ޔެވްހެނީ ޔެނިންއާއި އެ މިނިސްޓްރީގެ ސްޓޭޓް ސެކެޓްރެރީ ވެސް މި ހާދިސާގައި މަރުވެފައިވާ ކަމަށް ޔޫކްރެއިންގެ ފުލުހުން ބުނެފައިވެ އެވެ.

ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު ހާދިސާ ހިނގި ވަގުތު ރަޝިއާގެ ހަމަލާއެއް އެ ސަރަހައްދަށް އަމާޒުވެފައިވާ ކަމަކަށް ވެސް ރިޕޯޓު ކުރެވިފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ