މޯލްޑިވް ގޭސްގެ ސަސްޕެންޑް ކޮށްފައިވާ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވައިފި އެވެ.

ފުލުހުންގެ އިދާރާއަށް މިމައްސަލަ ތަހުގީހު ކުރަން އޭސީސީން ފޮނުވާފައިވާ ލިޔުންވަނީ ސޯޝަލް މީޑިއާގައި ލީކްވެފަ އެވެ.

މި ލިޔުމުގައި ވާގޮތުން ޝަޒައިލް ޝިޔާމްގެ އާއިލީ މަސްލަހަތު އޭރު ހިމެނޭ ކުންފުންޏެއްގެ ބޭންކް އެކައުންޓް ދިރާސާކުރި އިރު، އެކުންފުނީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ބޮޑެތި ޢަދަދުތަކުން ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފަ އެވެ. އަދި މި ކުންފުންޏަކީ ޖީއެސްޓީ އަދި ބީޕީޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި، އެ ކުންފުނީގެ އެކައުންޓުން 2019ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައިޝަމް އަލީ ކިޔާ ފަރާތަކަށް ފޮނުވާފައިވާ ފައިސާއަކީ ޝަޒައިލްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝަޒައިލްގެ ކޮއްކޮގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓުން ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާކަން ފާހަގަކުރެވިފައިވާ ކަމަށް މިލިޔުމުގައިވެ އެވެ. އަދި ޝަޒައިލްގެ ފޯނުގައި ސޭވްކޮށްފައިވާ ނަމްބަރުތަކާއި މުއާމަލާތު ކުރެވިފައިވާ އެކައުންޓްތަކުގެ ވެރިފަރާތުގެ މަޢުލޫމާތުތަކަށް ބަލާއިރު މިކަމަށް ބާރު ލިބޭ ހެކިތައް ފެންނާން ހުރިކަން މިލިޔުމުގައިވާ ގޮތުން އެނގެ އެވެ.

ތަހުގީގަށް ފާހަގަކުރެވުނު ފައިސާގެ މުޢާމަލާތްތަކުން މަނީ ލޯންޑާރިންއަށް ބާރުދޭ ލޭޔަރިން ޕްރޮސެސިން އެއްވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށާއި، މޯލްޑިވް ގޭސް އަށް ހޯދާފައިވާ މުދާ، ހިދުމަތްތަކާ ގުޅިގެން ޝަޒައިލް ނަގާ ރިޝްވަތު/ ކޮމިޝަން ޝަޒައިލްގެ އާއިލީ މަސްލަހަތު އޭރު ހިމެނޭ ކުންފުންޏަކަށް ޖަމާކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކޮށްފައިވާއިރު އެކަމަށް ބާރުދޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި މި މައްސަލައަކީ މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ މައްސަލައެއްކަމަށް ބެލެވޭތީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.

އޭސީސީން ބުނެފައިވަނީ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ތަހުގީގަށް ހޯދި ޝަޒައިލްގެ ފޯނު ފޮރެންސިކް ތަހުލީލުތަކުން އެ ފޯނުގައިވާ މަޢުލޫމާތުތައް ނުލިބޭ ގޮތަށް ރީސެޓްކޮށްފައިވާ ކަމަށެވެ. އަދި މޯލްޑިވް ގޭސްއަށް ގެންނަ އެލްޕީޖީ ޝިޕްމަންޓްތަކުން ޝަޒައިލް ޝިޔާމް ރިޝްވަތު ނަގާފައިވާކަން ސާބިތު ކޮށްދޭން ބޭނުންވާ ހެއްކާއި ގަރީނާ ތަހުގީގަށް ނުލިބުނީ އެހެންވެގެން ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ޝަޒައިލްގެ ފޯނުން ޑޭޓާ އެކްސްޓްރެކްޓްކޮށް ދިޜާސާ ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ސާވިސަސް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ފޮރެންސިކް ރިޕޯޓްގައި ފޯނުގެ އިނިޝިއަލް ސެޓަޕް ހަދާ ފޯނު ބޭނުން ކުރަން ފަށާފައިވަނީ 30 ޖުލައި 2020 ގައި ދެނެގަނެވިފައިވާ ކަމަށާއި، ތަހުގީގު ބޭނުމަށް ފޯނު ހިފަހައްޓަން އުޅޭ ކަމުގެ މައުލޫމާތު ޝަޒައިލްއަށް ކޮންމެ ވެސް ފަރާތަކުން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް މި ލިޔުމުގައި ވެ އެވެ.

މޯލްޑިވް ގޭހުން ރާއްޖެއިން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން އެމައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް ފޮނުވާފައިވެ އެވެ.

އެޗކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރާއި މިހާރުގެ މެނޭޖިން ޑިރެކްޓަރު ވެސް ކުންފުނި ހިންގުމުގައި އިހުމާލުވެފައިވާ ކަމަށާއި އެހެންކަމުން މިހާރު މެނޭޖިން ޑިރެކްޓަރެއް ނެތި ކުންފުނި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއްގެ ދަށުން ހިނގަމުންދާތީ ސަރުކާރާ ގުޅިގެން ވީހާވެސް އަވަހަށް ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް އައްޔަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެސްޓީއޯއަށް އަންގާފައިވެ އެވެ.