އެންމެ ބޮޑަށް ބިރުހީވަނީ ވެރިކަން ހޯއްދެވުމުގެ ނިޔަތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަނެއް ހައްދަވާފާނެތީ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، މިހާރަކަށް އައިސް ރައީސް ނަޝީދު، އެމަނިކުފާނާ ރައީސް ޔާމީން އެއްގޮތް ކަމަށް ވިދާޅުވަމުންދާ ކަމަށެވެ.
"އިންޑިއާ އައުޓް" ހަރަކާތް ފިޔަވާ އެހެން ހުރިހާ ކަމެއްގައި އެ ދެބޭފުޅުންގެ ސިޔާސަތު އެއް ގޮތް ކަމަށް ރައީސް ނަޝީދު މިހާރު ވިދާޅުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން ތިބެ، އަޅުގަނޑުމެންގެ ޕާޓީއިން ނުހަނު ލޯބިވާ، އަޅުގަނޑުމެންގެ ރައީސް ނަޝީދު ނުކުމެވަޑައިގެން، ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެން ހިތަށް އުނދަގޫވޭ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރައީސް ނަޝީދު ރަށްރަށަށް ޒިޔާރަތް ކުރުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ޕީޕީއެމަށް ނިސްބަތްވާ މީހުން ހަރަކާތްތެރިވަމުންދާ ތަން ވެސް ފެންނަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޕޯސްޓަރުތަކާ ބެނާތައް ހަރުކުރުމުގައި ޕީޕީއެމް އެކްޓިވިސްޓުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަ. އަޅުގަނޑަށް ބިރުހީވަނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއެކު ކޯލިޝަނެއް ހައްދަވާފާނެތީ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމި، މި ސަރުކާރު ވެރިކަމާ ހަމައަށް އަންނަން ދެން ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވަން ޖެހުނު ކަމަށެވެ. އަދި ނޫސްވެރިންނާއި ހިޔާލުފާޅު ކުރުމަށް ނުކުންނަ މީހުންނަށް ރައީސް ޔާމީނުގެ ވެރިކަމުގައި ދިން އަނިޔާ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލުމާއި ފަނޑިޔާރުންނަށް ކުރި އުނދަގޫތަކުގެ ވާހަކަ ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.