ވޮޝިންޓަން (21 ޖެނުއަރީ) - ސައޫދީ އަރަބިއާއާއެކު އޮތް ގުޅުންތައް މިހާރަށް ވުރެ ރަނގަޅު ކުރަން ބޭނުންވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަ ކުރައްވައިފި އެވެ.

އެގޮތުން ނަތަންޔާހޫ އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ ވަނީ ސައޫދީ އަރަބިއާއާއެކު އޮތް ގުޅުންތައް ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުވިލަންއާއެކު މަޝްވަރާ ކޮށްފަ އެވެ.

މިދިޔަ މަހު މަގާމާ ހަވާލު ވުމަށްފަހު ނަތަންޔާހޫ ވަނީ ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯއާއެކު ގުޅުންތައް ބަދަހި ކޮށްފަ އެވެ. އަދި މި ލިސްޓަށް ސައޫދީ އަރަބިއާ އިތުރު ކުރައްވަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި މަޝްވަރާތަކުގައި އެދެބޭފުޅުން ވަނީ މެދުއިރުމަތީގެ ގުޅުންތައް ވަރުގަދަކޮށް ސުލްހަ ގާއިމު ކުރާނެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ސައޫދީ އަރަބިއާއާއެކު ގުޅުން ބަދަހި ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އެހެން ނަމަވެސް އެމެރިކާއާއި އިޒްރޭލުން އެކުގައި މަސައްކަތް ކޮށްފިނަމަ އެއީ ނުވާނެ ކަމެއް ނޫން ކަމަށް ދެ ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.

މެދުއިރުމަތީގެ ގުޅުންތަކުގެ އިތުރުން ނަތަންޔާހޫއާއި ސުލިވަން ވަނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފަ އެވެ. -- އަލް އަރަބިއްޔާ