ވަކި ރޭވުމެއްގެ ދަށުން ވަކި ގަޑިތަކަކަށް ރަނގަޅަށް ނިދުމާއި ނިދާ ވަގުތުތަކުގެ މުއްދަތަކީ އިންސާނާގެ ސިއްޙަތު ސަލާމަތުން ހުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށް އެމެރިކާގެ ވޮޝިންޓަން ޔުނިވާސިޓީގެ ސައިންސްވެރިން ބުނެފި އެވެ.
ތަޖްރިބާތަކަކާއި އިލްމީ ހޯދުންތަކެއްގެ އަލީގައި ވޮޝިންޓަން ޔުނިވަސިޓީގެ ދިރާސާވެރިން ވިދާޅުވާ ގޮތުން ރޭގަނޑު މަދުވެގެން ހަ ގަޑީއިރާއި އަށް ގަޑިއިރާ ދެމެދު މިންވަރަކަށް ނިދުމާއި ދުވާލު ބައިގަޑިއެއްހާއިރު ނިދުމަކީ ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް އިންސާނާއަށް ކޮންމެހެން ބޭނުން ކަމެކެވެ.
މިގޮތަށް ނިދާއިރު ވަކި ގަޑިތަކެއްގައި ނިދުމާއި ވަކިގަޑިތަކަށް ހޭލުމަކީ ވެސް ބޭނުންތެރި ކަމެއްކަން ދިރާސާވެރިންގެ ޓީމުން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މިކަން ސާބިތު ކުރުމަށް ސައެންސްވެރިން ކުރި ދިރާސާގައި އެކި ގަޑިތަކުގައި އިންތިޒާމެއް ނެތި އިންސާނުން ނިދުމުން އެމީހުންގެ ސިއްޙަތަށް މައްސަލަތައް ކުރިމަތިވާ ކަމަށް ފާހަގަ ކުރެވިފައިވެ އެވެ.
ނަމަވެސް ވަކި އިންތިޒާމެއްގެ ދަށުން ނިދާ ވަކިގަޑިތަކަކަށް ނިންދަވައި ވަކިގަޑިތަކަށް ހޭލި މީހުންގެ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ރަނގަޅުވެ އާންމު ސިއްޙަތު ދުޅަހެޔޮވެ ދިފާޢީ ބާރު ގަދަވާކަން ފާހަގަކުރެވިފައިވާކަންވެސް ސައެންސްވެރިން ގެ ރިޕޯޓްގައި ބަޔާން ކުރައްވާފައިވެ އެވެ.
އެހެން ކަމުން ދުޅަހެޔޮ ސިއްހަތަކަށްޓަކައި ގަޑިން ގަޑިއަށް ނިދައި ހޭލުމަކީ ވަަރަށް މުހިއްމު ކަމެކެވެ.