ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ހައުސިން ޔުނިޓްތައް އާންމުން ބަލާލުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ)އިން ހުޅުވާލައިފި އެވެ.
މިއީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެފްޑީސީގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ މި 4000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ދެ ކުންފުނި، ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
މި މަޝްރޫއުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުން ވެސް 2،000 ހައުސިން ޔުނިޓް އަންނަނީ ތަރައްގީކުރަމުންނެވެ.
މި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، މިތަންތަން ނިމިގެންދާއިރު ހުންނާނެގޮތް ދައްކުވައިދިނުމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވަނީ "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ދެ ޔުނިޓެއް އާއްމުން ދައްކާލުމަށްޓަކާ ތައްޔާރުކޮށްފަ އެވެ. މި ދެ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޖޭއެމްސީއިން މަސައްކަތް ކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގަ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވީ "އެކްސްޕީރިއަންސް ޔުނިޓް" ތަރައްގީކޮށްފައިވާ ޓަވަރު 12 މިއަދުން ފެށިގެން އާންމުންނަށް ހުޅުވާލާނެކަމެވެ. އެގޮތުން، މިއަދުގެ މެންދުރު 2:00 އިން ހަވީރު 4:00 އަށް އެޓަވަރު ބަލާލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެފެޑީސީން ބުނެ އެވެ. އަދި މާދަމާގެ މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫއުގެ ހައުސިން ޔުނިޓް ބެހިފައި ވަނީ ޖުމްލަ 32 ޓަވަރަކަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި، ތިން ކޮޓަރީގެ 2،800 ހައުސިން ޔުނިޓެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، ތިން ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެ އެވެ.
މިއީ 17 ނުވަތަ 18 ފަންގިފިލާގެ ޓަވަރުތަކެވެ. މީގެ ތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ. އަދި އެ 13 ޓަވަރުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހަށް ނިންމާ ރައްޔިތުންނާ ހަވާލުކުރުމަކީ އަމާޒެއްކަމަށް އެކުންފުނިން ބުނެ އެވެ. އެހެން ނަމަވެސް މުޅި މަޝްރޫއު ނިންމާލުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.
މި 4،000 ހައުސިން ޔުނިޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ 13،000 ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަކީ 7،000 ރުފިޔާ އެވެ.