މާލޭގެ ބޭރު މަގުގެ ދެކޮޅަށް ކަސްރަތަށް މީހުން ދުވާ މަންޒަރު ނުފެންނަ ވަގުތެއް މަދުވާނެ އެވެ. ބަރުދަން ލުއި ކޮށްލުމަށް އެންމެ ރަނގަޅު އެއް ގޮތަކީ ދުވަން ދިއުމެވެ. އެހެން ނަމަވެސް ދުވަން ދާން ފެށުމުގެ ކުރިން ވިސްނަންވީ ކަންތައް އެބަހުއްޓެވެ.

ދުވަން ދިއުމުގެ ކުރިން މާ ނުގަދައަށް ކެއުން

ދުވަން ދިއުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ބޮޑު މީލްއެއް ނަގައިގެން ދިއުން ރަނގަޅެއް ނޫނެވެ. އަހަރެމެން ދުވާއިރު ލޭ ދައުރުވުން އަމާޒުވެފައި ހުންނަނީ ކަށީގެ މަސްތަކަށެވެ. އެހެން ކަމުން ހަަޖަމުގެ ނިޒާމަށް ލޭ ދައުރުވުން ދަށްވެ ކާ ތަކެތި ހަޖަމަވާ ރޭޓް ލަސްވެ އެވެ. އެހެން ކަމުން ބަނޑުގެ އެއް ފަޅިއެއްގައި ރިއްސުން ފަދަ ކަންތައް ދިމާވާނެ އެވެ.

ގިނައިން ފެން ބުއިން

ދުވަންދާނަމަ ދުވާލު އެއްކޮށް ވެސް ގިނައިން ފެން ބޯން ވާނެ އެވެ. އެހެން ނަމަވެސް ދުވަން ދިއުމުގެ ކުރިން މާ ގިނައިން ފެން ބޮއެގެން ނުވާނެ އެވެ. އޭރުން ދުވާ އިރު އުނދަގޫވާނެ އެވެ.

ދުވަން ފެއްޓުމުގެ ކުރިން "ވާމް އަޕް" ކުރުން

ސްޓްރެޗް ކޮށްލުމަކީ ދުވަން ދިޔަ ކަމުގައި ވިޔަސް ކަސްރަތު ކުރި ކަމުގައި ވިޔަސް މުހިއްމު ކަމެކެވެ. އޭރުން ގައިގެ މަސްތައް މާ ބޮޑަށް ސްޓްރެޗްވުމުން ދުރުކޮށްދޭނެ އެވެ.

ރަނގަޅު ބޫޓެއް ޚިޔާރު ކުރުން

ދުވަން ދާއިރު ކޮންމެހެން އަގު ބޮޑު ބޫޓެއް ނުގަތަސް މާ ބާރު ނޫން އަދި މާ ދޫ ނޫން ބޫޓެއް ރަނގަޅުވާނެ އެވެ. އެހެން ނޫންނަމަ ފައިން ފޮޅު ނަގާ ފައިގައި ރިއްސުން ފަދަ ކަންކަން ވުން އެކަށީގެންވެ އެވެ.