މޮސްކޯ (23 ޖެނުއަރީ) - ޔޫކްރެއިންގެ ދެކުނުގެ އަވަށެއް ކަމަށްވާ ޒަޕޮރިޒިއާގައި ރަޝިއާއަށް ފާހަގަކުރެވޭ ކާމިޔާބީތަކެއް ލިބެމުން އަންނަ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

"އެ އަވަށުގައި މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުގައި ރަޝިއާގެ ސިފައިން ވަނީ ބޮޑު ސަރަހައްދެއް ފަތަހަ ކޮށްފައި،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެއާއެކު ޔޫކްރެއިންގެ ހަނގުރާމަ މަތީ އުޅަނދުތަކަށް ގެއްލުން ދެވިފައިވާ ކަމަށާއި ހަމަލާތަކުގެ ތެރެއިން ޔޫކްރެއިންގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރަޝިއާއިން އިއްޔެ މިހެން ބުނެފައި މިވަނީ ހޮނިހިރު ދުވަހު ވެސް ޒަޕޮރިޒިއާގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ހޮނިހިރު ދުވަހު ވެސް އެގައުމުން ބުނެފައިވަނިކޮށެވެ.

ހަބަރުތައް ބުނާ ގޮތުގައި ކުރިމަތިލުންތައް މިހާރު ކުރިއަށް ދަނީ ޔޫކްރެއިންގެ މެދުތެރޭގެ އަވަށްތަކުގަ އެވެ. ދެކުނުގެ ކޭރްސަންއިން ރަޝިއާ ސިފައިން ފޭބި ފަހުން ދެކުނުގައި މާބޮޑު ކުރިމަތިލުންތަކެއް ފާހަގަ ކުރެވިފައެއް ނުވެ އެވެ.

ޔޫކްރެއިން ހަނގުރާމައަށް އަހަރެއް ވާން ކައިރިވެފައިވާއިރު ރަޝިއާގެ ހަމަލާތައް އިތުރަށް ވަރުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޔޫކްރެއިންއިން ވަނީ ބުނެފަ އެވެ. -- އަލް އަރަބިއްޔާ