ރިޔާދު (25 ޖެނުއަރީ) ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުގައި ސައޫދީ އަރަބިއާގެ ސަރުކާރުގެ 142 އޮފިޝަލަކު ހައްޔަރުކޮށް ތަހުގީގު ފަށައިފި އެވެ.

ސައޫދީ އަރަބިއާގެ އޯވާސައިޓް އެންޑް އެންޓި ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ އެކި އޮފީސްތަކުން ހައްޔަރު ކުރެވުނު ފަރާތްތަކުގެ ތެރޭގައި ރިޝްވަތާއި މަކަރާއި ހީލަތުން ސަރުކާރުގެ ލިޔެކިޔުންތައް ދޫކުރުމުގެ އިތުރުން މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ހައްޔަރު ކުރެވުނު ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ.

އެ އިދާރާއިން މިދިޔަ މަހު 2،364 އިންސްޕެކްޝަން ޒިއާރަތް ކޮށްފައިވާއިރު ކޮރަޕްޝަނާ ގުޅޭ 307 މައްސަލަ ފާހަގަކޮށްފައިވެ އެވެ. ހައްޔަރު ކުރެވުނު 142 މީހުންނަކީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވުނު މީހުންނެވެ.

ހައްޔަރު ކުރެވުނު ފަރާތްތަކަކީ ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ވާއިރު އެ ހުރިހާ ފަރާތްތައް ވެސް ކަފާލާތުގެ ދަށުން ދޫކޮށްލެވިފައިވާ ކަމަށް ނާޒާހާއިން ބުންޏެވެ.

އެ އޮތޯރިޓީއިން އިތުރަށް ބުނީ ސަރުކާރުގެ ސަރުކާރު މަގާމުތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ވެސް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

2011 ވަނަ އަހަރު އުފެއްދި ނާޒާހާއިން ކޮންމެ މަހަކު ވެސް އެ އޮތޯރިޓީއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ރިޕޯޓެއް ނެރެމުންދެ އެވެ. -- އަލް އަރަބިއްޔާ