ކަސްރަތުކުރުމަކީ ސިއްހަތަށް ފައިދާހުރި ކަމެއްކަމާ މެދު ޝައްކެއް ނެތެވެ. ކަސްރަތު ކުރުމަށް އެކި މީހުން އެކި ވަގުތު ޚިޔާރު ކުރާއިރު ކަސްރަތު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ފަތިސް ކަމަށް އެންމެ ފަހުގެ ދިރާސާތަކުން ދައްކަ އެވެ. އެކަމުގެ ސަބަބުތަކަށް ތިރީގައި ބަލާލާނަމެވެ.
ގިނައިން ސަރުބީ ވިރުވައި ދިނުން
ހަށިގަނޑުން ސަރުބީ ވިރުވުމަކީ ކަސްރަތުކުރާ ގިނަ ބައެއްގެ އަމާޒެކެވެ. ހައިބަނޑާހުރެ ކަސްރަތު ކުރާނަމަ ސަރުބާ ވިރުން އިތުރުކޮށްދޭ ކަމަށް މާހިރުން ބުނެ އެވެ. 2015 ވަނަ އަހަރު ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ފަތިހު ހައިބަނޑާހުރެ ކުރިން ކަސްރަތު ކުރާ މީހުންގެ ހަށިގަނޑުން ސަރުބީ ވިރުވައިދޭ މިންވަރު އެހެން ވަގުތުތަކުގައި ކަސްރަތު ކުރާ މީހުންނަށް ވުރެ ދެގުނަ އިތުރެވެ.
ނިދި ރަނގަޅުވުން
ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތުގައި ކަސްރަތު ކުރާނަމަ ކަސްރަތު ސެޝަނުން އަރައިގަތުމަށް ހަށިގަނޑަށް ވަގުތު ނުލިބި ނިދާ ވަގުތު ޖެހެ އެވެ. ނަތީޖާއަކަށް ވަނީ ނިދުމަށް އުނދަގޫވެ، ރޭގަނޑުގެ ހަމަ ނިދި ނުލިބުމެވެ. އޭގެ ބަދަލުގައި ފަތިހު ކަސްރަތު ކުރާނަމަ ހަށިގަނޑު ހަމަޖެހިލުމަށް ފުރުސަތު ލިބި ނިދި ރަނގަޅުވެ އެވެ.
ކަންކަމަށް ދޭ ސަމާލުކަން އިތުރުވުން
ފަތިހުގެ ވަގުތުގައި ކަސްރަތުކުރުމުން ހަށިގަނޑުގައި ހުންނަ ކޯޓިސޯލްގެ މިންވަރު ދަށްކޮށްދީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވުމަށް މަގުފަހި ކޮށްދެ އެވެ. އެހެންކަމުން ފަތިހު ކަސްރަތުކުރުމަކީ ވަޒީފާގެ މާހައުލުގައި ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ.
ފަތިހު ކަސްރަތު ކުރުމަކީ އެކަމުގައި ނުހަނު ގިނަ ފައިދާތައް އެކުލެވޭ ކަމެކެވެ. އެހެންކަމުން އެގޮތުގެ މަތިން އަހަރުމެންގެ ދުވަހުގެ ތާވަލް އެކުލަވާލުން ކިހިނެއްވާނެ ހެއްޔެވެ؟