ގިނަ އަދަދެއްގެ ފައިސާއާއެކު ރާއްޖެ ދޫކޮށް ފިލި މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ އިންޓަޕޯލް ރެޑް ނޯޓިސް މެދުވެރިކޮށެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އުމުރުން 33 އަހަރުގެ މުހައްމަދު އިހުސާން ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކޮށްފައިވަނީ މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގަ އެވެ.
އޭނާގެ ބަންދަށް މިހާރު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
އޭނާ ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްރެރިވި ކަމަށް ތުހުމަތުކުރެވޭ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ރާއްޖެ ދޫކޮށް ތައިލެންޑަށް ފުރައިގެން ގޮސްފައިވާ ކަމަށާއި އެ ފައިސާ ބޭނުންކޮށްގެން އޭނާ ރާއްޖޭން ބޭރުގައި ފިލައިގެން އުޅުމުގެ އިހްމާލު އެބައޮތް ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖުގެ ސްނެޕް ޝޮޓްތަކުން އޭނާ ދަބަހެއް ހިފައިގެންދާ މަންޒަރާއި ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ސީސީޓީވީ ފުޓޭޖް ފުލުހުން ވަނީ ހުށަހަޅާފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އޭނާ ހިޔާނާތްތެރިވެފައި ވަނީ ކިހާ އަދަދެއްގެ ފައިސާއަކަށް ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.