ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމޭނޭ ލަވައެއްގެ މަންޒަރުތަކެއް ނެގުމަށް ޔޫރަޕުގެ ބަދަލުގައި އިންޑިއާގެ ކަޝްމީރު ހަމަޖައްސައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިލަވާގެ މަންޒަރުތައް ވަރަށް އަވަހަށް ނެގުމަށް ކަރަން އާލިއާ ގޮވައިގެން ކަޝްމީރަށް ދާނެ އެވެ.
މިލަވައަކީ ކަރަން އައިޑޮލްއެއްގެ ގޮތުގައި ދެކޭ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ޓްރިބިއުޓެއް ދޭން ފިލްމުގައި ހިމަނަން ނިންމީ ލޯބީގެ ހިތްގައިމު ލަވަ އެކެވެ.
ކުރިން މިލަވާގެ މަންޒަރުތައް ނެގުމަށް ނިންމާފައިވަނީ ނިއު ޒީލެންޑްގެ އިތުރުން ޔޫރަޕްގެ ބައެއް އެހެން ހިސާބުތަކުގަ އެވެ. އެހެން ނަމަވެސް އެ ޕްލޭން ބަދަލުކޮށް މިހާރު ނިންމާފައި އޮތީ އަންނަ މަހުގެ ތެރޭގައި ކަޝްމީރުގެ ހިތްގައިމު ވާދީތަކުގައި ލަވަ ޝޫޓްކުރާށެވެ.
މިގޮތަށް ނިންމީ ބަތަލާ އާލިއާ ދަރިފުޅު ދޫކޮށްލާފައި ދިގު ޝެޑިއުލްއަކަށް ގައުމުން ބޭރަށް ދާން ބޭނުން ނުވާތީ ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެ އެވެ.
އާލިއާ އާއި ފިރިމީހާ ރަންބީރް ކަޕޫރަށް ދަރިޔަކު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އިއުލާންކޮށް، އެ މަހުގެ ފަހުކޮޅު ޝޫޓިން ފެށި ލޯބީގެ މި ފިލްމަކީ ކަރަންގެ 8 ވަނަ ޑައިރެކްޝަނެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ އެއްޗެކެވެ. މީގެ ކާސްޓްގައި ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެންމެ ލަވައެއް ފިޔަވައި އެހެން ހުރިހާ މަންޒަރެއް ނަގައި މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ. އަދި ލޯބީގެ ލަވައިގެ ޝޫޓިން ފަސްކުރަން ޖެހުނީ އާލިއާ ބަލިވެއިނުމާ ގުޅިގެންނެވެ.
އެހެންވެ ބަލިވެއިނުމާ ގުޅިގެން ހަށިގަނޑަށް އައި ބަދަލު ދުއްވައިލަން ވިހެއުމަށް ފަހު އާލިއާ މަސައްކަތް ފެށި އެވެ. އޭނަ މިހާރު ހުރީ ފިލްމުގެ ޝޫޓިން ފެށި އިރު، ހުރި ބައްޓަމަށް އިޔާދަވެފަ އެވެ. މި ލަވައިގެ ޝޫޓިން ވާނީ ވިހެއުމަށް ފަހު އާލިއާ ކުރާ ފުރަތަމަ ފިލްމީ މަސައްކަތަށެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އެޕްރީލް 28 ގަ އެވެ.