އަންކާރާ (29 ޖެނުއަރީ) - އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ވަރުގަދަ ހަމަލާއެއް ދީފާނެ ކަމަށް ބުނެ، މީހުން އެއްވެ އުޅޭ ތަންތަނުގައި ނޫޅުމަށް ތުރުކީ އިން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ޓެރަރިސްޓް ހަމަލާއެއް ކުރިމަތިވުން ގާތް ކަމަށާއި އެހެން ކަމުން އެކަމަށް ސަމާލުވެ ތިބުމަށެވެ.

މި ހަމަލާތަކަކީ މިފަހަކަށް އައިސް އާއްމުވެފައިވާ އިސްލާމޮފޯބިއާއާއި ނަސްލީ ތަފާތުކުރުންތަކާ ގުޅިފައިވާ ހަމަލާއަކަށް ވާނެ ކަމަށް މިނިސްޓްރީގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތުރުކީއިން މި ބީދައިން ބަޔާނެއް ނެރެފައި މިވަނީ މިދިޔަ ހުކުރު ދުވަހު ތުރުކީގައި ހުންނަ ހުޅަނގުގެ އެމްބަސީތަކުން ވެސް މިފަދަ އިންޒާރެއް އާއްމުކޮށްފައި ވަނިކޮށެވެ.

ތުރުކީގައި ހުންނަ އެމެރިކާ، ގްރީސް، ފްރާންސް އަދި އިޓަލީގެ އެމްބަސީއިން ވަނީ ތުރުކީގައި ދީނީ އަޅުކަންކުރާ ތަންތަނުގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް އެގައުމުތަކުގެ ރައްޔިތުންނަށް އަންގާފަ އެވެ.

ޓެރަރިސްޓް ހަމަލާތަކެއްގެ އިންޒާރު ގައުމުތަކުން ދީފައި މިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޔޫރަޕްގެ އެކި ގައުމުތަކުގައި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުމުގެ ހާދިސާތަކެއް ހިނގާފައި ވަނިކޮށެވެ. -- ރޮއިޓާސް