ވޮޝިންޓަން (30 ޖެނުއަރީ) - ތުރުކީގެ އާއްމުން އެއްވެ އުޅޭ ތަންތަނަށް ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމަށް ބުނެ އެމެރިކާއިން ތުރުކީގައި އުޅޭ އެގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.

މިއީ މިގޮތަށް އެމެރިކާއިން އިންޒާރު ދިން ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް އެގައުމުން ވަނީ ތުރުކީއަށް ޓެރަރިސްޓް ހަމަލާތަކެއް ކުރިމަތިވުން ގާތް ކަމަށް އިންޒާރު ދީފަ އެވެ.

ތުރުކީގައި ހުންނަ އެމަރިކާގެ އެމްބަސީއިން އެންމެ ފަހުން ނެރުނު ސެކިއުރިޓީ އެލާޓްގައި ބުނެފައިވަނީ ހަމަލާތައް ދިނުމުގެ ފުރުސަތު އެންމެ ބޮޑީ ހުޅަނގުގެ މީހުން އާއްމުކޮށް އެއްވެ އުޅޭ ތަންތަނަށް ކަމަށެވެ.

އެގޮތުން ޔަހޫދީންގެ ފައްޅިތަކާއި ބާޒާރުތަކުގެ އިތުރުން ބޭރު ގައުމުތަކުގެ ހައި ކޮމިޝަންތަކަކީ އެންމެ ނުރައްކާ ބޮޑު ސަރަހައްދުތައް ކަމަށް އެ އެލާޓްގައި ބުނެފައިވެ އެވެ.

ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ ބޮޑުވެފައިވާތީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ އިތުރުން ހުޅަނގުގެ ގައުމުތައް ކަމަށްވާ ޖަރުމަނު، ފްރާންސް އަދި އިޓަލީއިން ވެސް ވަނީ ސެކިއުރިޓީ އެލާޓް ނެރެފަ އެވެ.

ހުޅަނގުން މިފަދަ އެލާޓްތައް ނެރެފައި މިވަނީ މިފަހަކަށް އައިސް ހުޅަނގުގެ ގައުމުތަކުގައި ގުރުއާނަށް އިހާނެތިކޮށް ހިތުމުގެ ސަބަބުން އިސްލާމީ ޖަމާއަތްތަކުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމަށް ބަލާފަ އެވެ.

ތުރުކީގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅޭ ކަމަށް އައިސްފައިވާ ރިޕޯޓުތައް އެގައުމުގެ އިދާރާތަކުން ތަހުގީގް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ