ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ފެނަކައާ ހަވާލުކޮށްފައި ވަނީ ގދ. ފިޔޯރީ އަދި ގދ. މަޑަވެލީގައި އައިސް ޕްލާންޓެއް އެޅުމަށެވެ.

ފިޝަރީޒް މިނިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ޔާމީނެވެ. އަދި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ދެ ރަށުގައި ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެއް ކަމަށެވެ. މި ދެ އައިސް ޕްލާންޓް ނިންމުމަށް ދީފައިވާ މުއްދަތަކީ 170 ދުވަހެވެ.

އެ މިނިސްޓްރީން ބުނީ، ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 4.89 މިލިއަން ރުފިޔާ ކަމަށެވެ.

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ އައިސް ޕްލާންޓް ގާއިމުކޮށްފައެވެ. އޭގެތެރޭގައި ރ. މަޑުއްވަރީ، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީ، އަދި ސ. ހުޅުމީދޫގައި 2 އައިސްޕްލާންޓް ހިމެނެ އެވެ. މިއީ މުޅިން ވެސް 25 ޓަނުގެ އައިސް ޕްލާންޓްތަކެވެ.

މިއަހަރު ނިމުމުގެ ކުރިން އިތުރު 15 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މިއީ މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ.