ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ސާޅީސް ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މާރުކުރަން ލާޒިމުކުރަން ނިންމުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކެއްގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްދާ ކަމަށް ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުނު އެ މައްސަލައިގައި ބުނެފައިވަނީ ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ސާޅީސް ޕަސެންޓު މާރުކުރަން މަޖުބޫރު ކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ މުޅި ސިނާއަތަށާއި ގައުމުގެ މާލީ ނިޒާމަށް ލޮޅުންއަރައި އިންވެސްޓަރުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެއީ އަމަލީ ގޮތުން ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫންކަމަށް ރާއްޖޭގައި ހިންގާ ދުއިސައްތަ ރިސޯޓުގެ ތެރެއިން އެއްސަތޭކަ ސާޅީސް ހަ ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން ހާމަކޮށްފައިވާކަންވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ރިސޯޓުތަކުން ތެލާއި މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖުގެ އިތުރުން ޓެކުހާއި ބޭރުގެ ބޮޑެތި ލޯނުތައް އަދާކުރަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، އެ ރިސޯޓުތަކުން ޑޮލަރުން ކުރަންޖެހޭ ހަރަދަށް ރިއާޔަތްނުކޮށް އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް މިފަދަ ބުރައެއް ސިނާއަތުގެ ބޮލުގައި އެޅުވުމަކީ ބޮޑު ބޭއިންސާފެއްކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.

މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައިވަނީ ސަރުކާރުގެ އެ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިނުވަނީސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އިންސާފުވެރި ހައްލެއް ހޯދުމަށެވެ.