ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުރު ފެންނަ ވަރު ދަށްވެއްޖެ އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު އާންމުކޮށް އުތުރުން ވައިޖެހެމުން އަންނައިރު، މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ.
އާންމު ގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނަސް، މިއަދު ހެނދުނު 7 އިން ފެށިގެން، ހާއްސަކޮށް މެދު ރާއްޖެ ތެރޭގައި ހިމެނޭ އަތޮޅުތަކަށް ދުރު ފެންނަ ވަރު އެވްރެޖު ގޮތެއްގައި ހަތަރު ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓުން ބުންޏެވެ.
ދުރު ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި، ވައިގެ ބާރުމިން އަދި ވާރޭ ވެހުން މުހިންމު ދައުރެއް އަދާކުރާކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުންޏެވެ. އަދި އިރުވައި މުދުމުގެ ގިނަ ދުވަސްތަކުގައި އާންމުކޮށް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވާ ކަމަށް ވެސް އެ އޮފީހުން ހާމަކުރެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި އެވަގުތެއްގެ ވައިގެ މިސްރާބު ސާފު މިންވަރު ނުވަތަ "އެއާ ކޮލިޓީ އިންޑެކްސް" އައި.ކިއު އެއާގެ ވެބްސައިޓް ނުވަތަ އެއާވިސުއަލް މޮބައިލް އެޕްލިކޭޝަނުން ބަލައިލެވޭނެ އެވެ.
ދުނިޔޭގެ ވައިގެ ސާފުމިން ވަޒަންކުރާ އައިކިއު އިން ވައިގެ ސާފުކަން ބަލަނީ 6 މިންކުރުމަކުންނެވެ. އެގޮތުން އެންމެ ގޯސްވާނީ އެއްވަނަ ދަރަޖައިގަ އެވެ. މިވަގުތު އެ ވެބްސައިޓުން ދައްކާގޮތުގައި ރާއްޖެ ސަރަހައްދުގައި އެ މިންކުރުން ހުރީ 2.5ގަ އެވެ.
އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ކޮށް އޭގެ ސަބަބުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކި ދުވަސް މަތިން ރާއްޖޭގެ ވައި ވަރަށް ބޮޑަށް ނުސާފުވި އެވެ.
ވައި ނުސާފުވެފައިވާ ދުވަސްވަރު ފުއްޕާމޭގެ ބައްޔާއި ހިތުގެ ބައްޔާއި އެލާޖީ ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ.