އައްޑޫ ސިޓީ ހިތަދޫގެ ރުއްޖެހެރަ ސަރަހައްދުން ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުނު މައްސަލާގައި އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

މިއީ އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދައުލަތުގެ އިދާރާއެއް ބޮޑު އަދަދުން ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރުއްޖެހެރަ ސަރަހައްދުން 17،000 އަކަ މީޓަރުގެ ބިން ސާފުކޮށް، އަދި އެ ސަރަހައްދުން 1،700 ކޮޑިމީޓަރުގެ ވެލި ނަގައިގެން ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާ ކަމަށެވެ.

އެހެންކަމުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ބަދަލު ނެގުމުގެ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް 30.8 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން ވަނީ އަންގާފަ އެވެ.

އީޕީއޭ އިން މީގެކުރިން ވެސް ވަނީ މިފަދަ މައްސަލަތަކާ ގުޅިގެން ބައެއް ރިސޯޓްތަކާއި ކުންފުނިތައް ޖޫރިމަނާކޮށްފަ އެވެ.