އަންނަ މަހު ހަ ވަނަ ދުވަހު ޕްރިމިއާ ކުރާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ބީވީމާ"ގެ ތީމް ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ފިލްމުގެ ޓައިޓްލް އިން ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ "ބީވީމާ" އިން އެކްޓިން އަށް ރަސްމީކޮށް ނުކުންނަ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި ޝަލަބީ އިބްރާހީމެވެ. ލަވައިގެ މިއުޒިކާއި މެލޮޑީ މުނާޒް ޒުބައިރު ހެދި އިރު، ލަވައިގެ ޅެން ލިޔުނީ ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ވެސް ކުރި އަހުމަދު ޒަރީރެވެ.

މިލަވަ މިހާތަނަށް އައިރު ދެ ހާހަށްވުރެން ގިނަ މީހުން ވަނީ ބަލާފަ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އަޅުވާ "ބީވީމާ" އަކީ ފުރާވަރު ދުވަސްވަރު އެކީގައި ކިޔަވަން އުޅުނު ދެ ލޯބިވެރިންގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.

https://www.youtube.com/watch?v=7dfS0x-uiR0

ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭ "ބީވީމާ" ގައި ދެ މީހެއްގެ ހަޔާތުގެ ދެ ދައުރެއް ދައްކުވައިދޭ އިރު، އަޝްފާގެ ފުރާވަރުގެ ރޯލުން ފެންނާނީ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އެވެ. އަދި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ ފުރާވަރުގެ ރޯލުން އަލަށް ތައާރަފުވާ އާދަމް ޒިދާނެވެ.

"ބީވީމާ" ފިލްމުގެ ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ.

https://www.youtube.com/watch?v=RpR5eh5MXvk&t=1s

"ބީވީމާ" ފިލްމަކީ ދެކުނު އިންޑިއާގެ ފިލްމު "96" އިން އިންސްޕަޔާ ވެގެން އުފެއްދި ފިލްމެކެވެ. މިއީ އޮލިމްޕަހުގެ މަރާމާތަށް ފަހު އަޅުވާ ފުރަތަމަ ފިލްމެވެ.