އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، ކުރިންވެސް އެ މަގާމު ފުރުއްވާފައިވާ އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ނެގުނު ވޯޓުގައި، އަބްދުލްއަޒީޒަށް ރުހުން ދިނުމަށް ފެންނަ ކަމަށް 47 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގެ ތަޅުމުން މިގޮތަށް ނިންމީ، މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަބްދުލްއަޒީޒާ އިންޓަވިއު ކުރުމަށްފަހު، އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވާތީ މަގާމަށް ރުހުން ދިނުމަށް އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވުމުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒުގެ ނަންފުޅު ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދު ރަޝީދުގެ 5 އަހަރުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީ އެވެ.
އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ ފުރަތަމަ ކޮމިޝަނަރެވެ.
ގައުމުތަކުން އެމެރިކާއަށް އެއްބާރުލުން ނުދޭން އީރާނުން ގޮވާލައިފި
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ރަށަކީ ރަސްމާލެ: މިނިސްޓްރީ
ޑޮލަރު މާރުކުރުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި