ވޮޝިންޓަން (03 ފެބްރުއަރީ) - ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދުން ފެނިގެން ކަންބޮޑުވެއްޖެ އެވެ.

އެމެރިކާގެ ދިފާއީ މައި އިދާރާ ޕެންޓެގަންއިން އިތުރަށް ބުނީ ފެނުނު "ސްޕައި ބެލޫން" ދަތުރުކުރަމުން ދަނީ ކޮމާޝަލް މަތިންދާ ބޯޓުތައް ދަތުރު ކުރަމުންދާ އުސްމިނަށް ވުރެ މަތިން ކަމަށާއި އޭގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

"މިއީ މިފަދަ އުޅަނދެއް ފެނުނު ފުރަތަމަ ފަހަރެއް ނޫން. އެހެން ނަމަވެސް މިފަދަ އުޅަނދުތަކާ މެދު އަމަލު ކުރެވޭ ގޮތުގެ މަތިން ސަރުކާރުން އަންނަނީ އޭގެ ހަރަކާތްތައް މޮނީޓާ ކުރަމުން،" އެ އިދާރާގެ ޕްރެސް ސެކެޓްރަރީ ބްރިގޭޑިއާ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވި އެވެ.

ރައިޑާ ވިދާޅުވީ ފެނުނު ފުއްޕާހަން ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް ވިޔަސް އެ އުޅަނދަށް ހަމަލާދީ ވައްޓާލުމަށް އަސްކަރީ ކޮމާންޑަރުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

މި ނިންމުން ނިންމާފައި ވަނީ އުޅަނދަށް އެއްވެސް ކަހަލަ ގެއްލުމެއްދީ ވައްޓާލައިފި ނަމަ ވެއްޓޭ ސަަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތަށް ނުރައްކާ ވެދާނެތީ ކަަމަށް ރިޕޯޓުތައް ބުނެ އެވެ.

މިފަދަ "ސްޕައި ބެލޫން"ތައް މީގެ ކުރިން ވެސް އެމެރިކާގެ ވައިގެ ސަރަހައްދުން ފެނިފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ އެމެރިކާގެ ސަލާމަތަށް ނުރައްކާކުރުވާ ފަދަ ކަމަކަށް ވިޔަ ނުދޭނެ ކަމަށް ޕެންޓެގަންއިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ