ބެއިޖިންގް (04 ފެބްރުއަރީ) އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް ބުނާ އުޅަނދަކީ އެގައުމުގެ މީޓިއޮރޮލޮޖީ އަދި ސައިންޓިފިކް ދިރާސާތަކުގައި ބޭނުންކުރާ އުޅަނދެއް ކަމަށް ޗައިނާއިން ބުނެފި އެވެ.

އެމެރިކާގެ ވައިގެ ސަރަހައްދުން ޗައިނާގެ ޖާސޫސީ އުޅަނދެއް ފެނިފައިވާ ކަމަށް އެމެރިކާގެ އިދާރާތަކުން އިއްޔެ ރިޕޯޓު ކޮށްފައިވާއިރު އެ އުޅަނދުގެ ހަރަކާތްތައް މޮނީޓާ ކުރަމުންދާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އުޅަނދު އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެފައިވާތީ ހިތާމަކުރާ ކަމަށާއި އެމެރިކާގެ އިދާރާތަކާ މެދުނުކެނޑި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އެ އުޅަނދު އެމެރިކާގެ ވައިގެ ސަަރަހައްދަށް އެތެރެ ވެފައިވަނީ އެ ސަރަހައްދުގެ ވައި ހުރި ގޮތުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ޗައިނާއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފަ އެވެ.

މިއާ ގުޅިގެން ޗައިނާއިން ވަނީ "ސްޕައި ބެލޫން"ގެ ހާދިސާ ބޭނުންކޮށްގެން އެމެރިކާއިން ޗައިނާ ބަދުނާމުކޮށް ދޮގު ހަބަރުތައް ފަތުރަމުން އަންނަ ކަމަށް ބުނެފަ އެވެ.-- އަލް އަރަބިއްޔާ