މިހާރު ކަލާޒް ޓީވީއިން ގެނެސްދޭ އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް 16"ގެ ފައިނަލު މިމަހުގެ 12 އަދި 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެންމެ ފަހުން "ބިގްބޮސް" ގެއިން އެންމެ ފަހު ބޭރުވެފައި ވަނީ މިޝޯގައި ވާދަކުރި އެންމެ އުމުރުން ހަގު ބައިވެރިޔާ ޓީވީ ބަތަލާ ސުމްބުލް ތައުގީރެވެ.

މިހަފްތާގައި "ބިގްބޮސް" ގެއިން ބޭރުވާ ނޮމިނޭޓް ވެފައި ވަނީ ބިގްބޮސް ގޭގައި މަޓްލީގެ ނަންމުން މަޝްހޫރުވެފައިވާ ގްރޫޕުގައި ހިމެނޭ ބައިވެރިންގެ ތެރެއިން ޝިވް ތާކަރޭ އާއި ސުމްބުލް ތައުގީރުގެ އިތުރުން އެމްސީ ސްޓެން އެވެ.

ސުމްބުލް ބިގްބޮސްއިން ބޭރުވެފައިވާއިރު އޭނާއަކީ ކަލާޒް ޓީވީއިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "އިމްލީ" މަގުބޫލުކަމެއް ހޯދި ބަތަލާއެކެވެ. އަދި "ބިގްބޮސް" އިން އެންމެ ބޮޑު މުސާރައެއް ލިބެމުންދިޔައީ ސުމްބުލް އަށެވެ.

މިމަހުގެ 12 އަދި 13 ގައި "ބިގްބޮސް 16" ގެ ފައިނަލް އެޕިސޯޑް ދައްކާއިރު ބެލުންތެރިންތިބީ މިފަހަރުގެ ސީޒަން ކާމިޔާބުކުރާނެ ބައިވެރިޔެއްގެ އިންތިޒާރުގަ އެވެ.

މިފަހަރުގެ ސީޒަންގައި ގަދަ ހަ ބައިވެރިން ގޮތުގައި ހޮވިފައިވަނީ ޝިވް ތާކަރީ، ނިމްރިތު ކޯރު އަހްލޫވާލިއާ، ޕްރިޔަންކާ ޗާހަރް ޗައުދަރީ، ޝާލިން ބަނޮޓް، އަރުޗަނާ ގޯތަމް އަދި އެމްސީ ސްޓެން އެވެ.

ހުކުރު ދުވަހުގެ ރޭ ދެއްކި އެޕިސޯޑުގައި ޝޯގެ އަސްލު ހޯސްޓް ސަލްމާން ޚާންގެ ބަދަލުގައި ޝޯ ހޯސްޓްކޮށްފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ.

ހޯސްޓް ސަލްމާން ޚާންގެ އިތުރުން ހަފްތާއަކު އެއްފަހަރު "ބިގްބޮސް" ބައިވެރިންނާ ބައްދަލުކުރާ އަނެއް ފަރާތްތަކީ ޝޭކަރު ސުމަނެވެ. "ޝޭކަރް ސުމާންއާއެކު ބިގް ބުލެޓިން" ގެ ނަމުގައި ބައިވެރިންނާއި ބައްދަލުކުރާއިރު މިބަޔަކީ ހެއްވާ މަޒާ ވާހަކަތަކެއް ހިމަނައިގެން ކުރިއަށް ގެންދާ ބައެކެވެ.

ފައިނަލް ހަފްތާގައި ޝޭކަރު ސުމަން ބިގްބޮސް ގެޔަށް ވަދެ ބައިވެރިންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަފްތާގެ މެދުން އެއް ބައިވެރިޔަކު ޝޯއިން ވަކިވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.