ވޮޝިންޓަން (ފެބްރުއަރީ 05) - އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް ޝައްކު ކުރެވޭ އުޅަނދު ވައްޓާލައިފި އެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި މިސައިލް ހަމަލާއަކުން އެ އުޅަނދު ވައްޓާލިއިރު އެ ހިސާބުގައި އެމެރިކާ އަސްކަރިއްޔާގެ ވައިގެ އުޅަނދުތަކުގެ އިތުރުން ކަނޑުގައި އަސްކަރީ ބޯޓުތައް ވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ.

އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ އަމާޒުވުމާއެކު ގޮވި ކުޑަ ގޮވުމަކަށްފަހު އެ އުޅަނދު ކަނޑާ ދިމާލުން ތިރިއަށްދެ އެވެ.

އެމެރިކާގެ އެއް ނިއުކްލިއާ ކާރުހާނާ ހުންނަ މޮންޓާނާގެ ވައިގެ ސަރަހައްދުން ފެނުނު އެ އުޅަނދުގެ ބޮޑުމިނުގައި ގާތްގަނޑަކަށް ތިން ސްކޫލް ބަހުގެ ބޮޑުމިން ހުންނާނެ ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެ އެވެ.

މިކަމާ ގުޅިގެން ޗައިނާއިން ވަނީ އެ އުޅަނދަކީ މޫސުމީ ދިރާސާތަކުގައި ބޭނުންކުރާ އުޅަނދެއް ކަމަށާއި އުޅަނދު އެމެރިކާގެ ވައިގެ ސަރަހައްދަށް ވަނީ ވައި ހުރި ގޮތުން ކަމަށް ބުނެފަ އެވެ.

ޗައިނާއިން ވަނީ އެމެރިކާއަށް ޖާސޫސީ އުޅަނދު ފޮނުވި ކަމަށް އެ ގައުމުން ކުރަމުން އަންނަ ތުހުމަތުތައް ދޮގުކޮށް އެކަމަށް ދެކޮޅު ހަދާފަ އެވެ. -- އަލް އަރަބިއްޔާ