އަންކާރާ (06 ފެބްރުއަރީ) - ތުރުކީގެ ހުޅަނގު ދެކުނު ސަރަހައްދަކަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 284 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ބިންހެލުމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެގައުމުގެ ނައިބު ރައީސް ފުއާތު އޮކްޓޭ ވިދާޅުވީ ބިންހެލުމުގައި މިހާތަނަށް 2300 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އުމްރާނީ ގިނަ ގެއްލުންތަކެއް ވެސް ލިބިފައިވާ ކަމަށެވެ.
އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުން އަންނައިރު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް އިދާރާތަކުން ލަފާ ކޮށްފައިވެ އެވެ.
ރެކްޓަ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ އަސަރު ތުރުކީގެ އަވަށްޓެރި ސީރިއާގެ އިތުރުން ލުބުނާން، އީރާން އަދި އިޒްރޭލަށް ވެސް ކޮށްފައިވެ އެވެ.
ބިންހެލުމާއެކު ބައެއް ގައުމުތަކަަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އެ އިންޒާރު އުވާލާފައި ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން ބިންހެލުމުގެ ސަބަބުން ސީރިއާގައި މިހާތަނަށް 320 މީހުން މަރުވެ 600 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެފައިވެ އެވެ.
މި ބިންހެލުމަކީ ފާއިތުވެދިޔަ 100 އަހަރު ތެރޭގައި ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އެގައުމު އިދާރާތަކުން ބުނާއިރު 1999 ވަނަ އަހަރު އައި ބިންހެލުމެއްގައި އެގައުމުން 1800 މީހުން މަރުވެފައިވެ އެވެ.
ބިންހެލުމުގެ އަސަރުކުރި މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް އެމެރިކާ، ޔޫކްރެއިން އަދި އިޒްރޭލްއިން ވެސް ވަނީ ބުނެފަ އެވެ. -- އަލް އަރަބިއްޔާ