މި އަހަރަކީ އެކި ގޮތްގޮތުން އަހަރެމެން އިމްތިހާނު ކުރަމުންދާ އަހަރެކެވެ. މުޅި ދުނިޔެ އެކީ އެކައްޗަކަށް ހުއްޓުމަކަށް ގެނުވި ކޮވިޑް-19އާ އެކު އަހަރެމެން ކުރަމުން ދިޔަ އެތައް ކަމަކާއި، ކުރަން ރާވާފައި ހުރި އެތައް ކަމެއް ވެސް ވަނީ ހުއްޓިފަ އެވެ. މިއާއެކު މި އަހަރު ބައެއް ކަންތައް ނުކޮށް، ނުވަތަ ނުކުރެވޭކަން ފޮރުވައި، އެކަމުން ރެކި ގަންނަން ކޮވިޑް ވެފައިވަނީ މަގުބޫލު ބަހަނާއަކަށެވެ.

މިސާލަކަށް ކައިވެނި ނުކުރަނީ ކީއްވެ؟

"ކޮވިޑާ ހެދި ނުވެފަ"

ކޮން އިރަކު ކާންދެނީ؟

"ކޮވިޑާ ހެދި އަދި ނުވެފަ"

މިހާރު މިގެއަށް ނާންނަނީ ކީއްވެ؟

"ކޮވިޑާ ހެދި ނުދެވިފަ"

ފްލެޓްތައް ދެނީ ކޮން އިރަކުން؟

"ކޮވިޑު ނިމުނީމައެއް ނުން ދެން،"

މުސާރަ ބޮޑު ކުރަނީ ކޮންއިރަކު؟

"ކޮވިޑާ ހެދި ނުވެފަ."

މިހެން ގޮސް ކިޔާލެވޭނެ ލައްކަ ބައިވަރު ވާހަކަ އެބަހުއްޓެވެ. މިއަދު ކޮވިޑް ބަލިމަޑުކަން ވެފައިވަނީ ކަމާބެހޭ ފަރާތްތަކުން ޒިންމާތަކުން ރެކެން ވެސް ބޭނުންކުރާ އެންމެ މުޖައްރިބު ބަހަނާ އަށެވެ. އަދި ކުރަން ބޭނުންނުވާ ނުވަތަ ކުރެވޭނެ ފެންވަރު ނެތް ކަންތައް ނުކުރާކަން ފޮރުވުމަށް ވެސް އެވަރެއް ނެތެވެ.

މިހާރު ތިމާ ހިތް ނުރުހޭ އާއިލާގެ މެންބަރެއް ނުވަތަ ރައްޓެއްސަކާ ބައްދަލުކުރަން ޖެހި، އެކަން ކުރުމަށް ބޭނުންނުވާ ނަމަ ހަމަ ބުނަންވީ "ކޮވިޑާއި ހެދި ވާން ނެތް" ކަމަށެވެ. ވާހަކަ އެހާ ހިސާބުން ނިމުނީ އެވެ.

މިއާ އެކުވެސް ކޮވިޑާ ހެދި އަހަރެމެންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ވެސް އައިސްފި އެވެ. މީގެ ކުރިން ސާފުތާހިރުކަމަށް އިސްކަން ނުދެވުނަސް މިހާރު އަތް ދޮވުމާއި ސެނިޓައިޒް ކުރުން މިވަނީ ދިރިއުޅުމުގެ އާދައަކަށް ވެފަ އެވެ. އަދި މި ލޮކްޑައުންގެ ތެރޭގައި ގިނަ މީހުންނަށް އާއިލާއާއި އެކުގައި ވަގުތު ހޭދަކުރެވި، އާއިލާއާއި އޮންނަ ގުޅުން ވެސް ބަދަހިވެއްޖެ އެވެ.

ބައެއް މީހުންނަށް ކޮވިޑާ ހެދި ގޭގައި ތިބެން ޖެހުމުން އެ މީހުންގެ ހުނަރުތައް ތަރައްގީކޮށް، އިތުރު ހުނަރުތައް ވެސް ދަސްކުރަން ފުރުސަތު ލިބިގެން ދިޔަ އެވެ. ހުރިހާ ޝުކުރެއް ކޮވިޑަށެވެ.

ކޮވިޑާ ގުޅިގެން ރަނގަޅުވި ކަންތައް ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް ތިމާގެ ފަރުވާ ކުޑަކަމުން ނުވަތަ ޒިންމާދާރުކަން ކުޑަކަމުން ނުކުރެވި ހުންނަ ކަންތައް ކޮންމެހެން ކޮވިޑުގެ ބޮލުގައި އަޅުވާނެ ކަމެއް ނެތެވެ.