އަންކާރާ (07 ފެބްރުއަރީ) ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިތާ 24 ގަޑިއިރުގެ ތެރޭގައި ހަމަ އެ ސަރަހައްދަށް އަނެއްކާވެސް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.

ރެކްޓަ މިންގަނޑުން 5.6ގެ ބާރުމިނުގައި އައި އެ ބިންހެލުމާއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ އިތުރު ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

އިއްޔެގެ ބިންހެލުމަށްފަހު ތުރުކީއާއި ސީރިއާގެ އިދާރާތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެމުން ދަނިކޮށް އޭގެ ގަޑިއިރެއް ފަހުން ވެސް އެ ސަރަހައްދަށް ވަނީ އިތުރު ލޮޅުމެއް އަރާފަ އެވެ.

މި ހާދިސާތަކުގައި ދެ ގައުމުން މަރުވި މީހުންގެ އަދަދު 5000 ން މަތިވެފައިވާއިރު މި އަދަދު އިތުރުވާނެ ކަމަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ލަފާކުރެ އެވެ.

މި ބިންހެލުންތަކުގެ ސަބަބުން ތުރުކީއަށް އުމްރާނީ ގިނަ ގައްލުންތަކެއް ވެފައިވާއިރު 3700 އަށްވުރެ ގިނަ އިމާރާތްތައް ބިމާ ހަމަވެފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެ އެވެ.

އިއްޔެގެ ބިންހެލުމަކީ ފާއިތުވެދިޔަ ގަރުނުގެ ތެރޭގައި ތުރުކީއަށް ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ